މި އަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތް ދެއްވުމަށް ހަމަޖެހިފައިވަނީ ވޭތުވެދިޔަ އަހަރުތަކުގައިވެސް ޢަމަލުކުރަމުން އަންނަ އުޞޫލާ އެއްގޮތަށް ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހާމަކުރައްވައިފިއެވެ.
މިކަމާގުޅޭ ގޮތުން އެ މިނިސްޓްރީ ނެރުއްވި ނޫސްބަޔާނެއްގައި ވަނީ މި އަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތު ފައިސާ ދިނުމާއި ގުޅޭގޮތުން ނެރެފައިވާ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށެވެ. އެގޮތުން ދައުލަތުގެ އޮފީސްތަކުގައި ޕޭލީވާއި ނޯޕޭލީވްގައި ތިބި މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ފައިސާ މީގެ ކުރިންވެސް ދީފައިނުވާ ކަމަށާ، ނަމަވެސް އަހަރީ ޗުއްޓީ އާއި ވިހެއުމުގެ ޗުއްޓީ ފަދަ ޗުއްޓީގައި ތިއްބަވާ މުވައްޒަފުންނަށް ކުރިއެކޭ އެއްފަދައިން ރަމަޟާން މަހުގެ ޢިނާޔަތް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާންގައި ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކުން މަޢުލޫމާތުތައް ގެނެސްދީފައިވަނި ޢާންމުންނަށް އޮޅުންއަރާ، ޞައްޙަ ނޫން މަޢުލޫމާތު ފޯރުކޮށްދެވޭފަދަ ގޮތަކަށް ކަން ފާހަގަކޮށްފައެވެ.