އިތުބާރާއި ޔަޤީންކަމާއެކު ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ކަރަންޓުގެ ޚިދުމަތް ލިބޭނޭ އިންތިޒާމް ހަމަޖެއްސެވުމަށް ސަރުކާރުން މަޝްވަރާކުރައްވަމުން ގެންދަވާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ހެނދުނު ސްޓެލްކޯގައި ފެށި އިންޖީނުގެތަކުގެ އިސްވެރިންގެ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ، ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ކަރަންޓްގެ ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަރަށް ޚާއްޞަ އަހަމިއްޔަތުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށެވެ. މިގޮތުން ކަރަންޓްގެ އަގު ހެޔޮކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ހަކަތައިގެ ވަޞީލަތްތައް ގެންގުޅުއްވާ ފަރާތްތަކާ މަޝްވަރާކުރައްވަމުން ގެންދަވާކަން ހޯމް މިނިސްޓަރ ހާމަކުރެއްވިއެވެ. މީގެ އިތުރުން މިކަމުގައި ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވަމުން ގެންދަވާކަމަށްވެސް މިނިސްޓަރު އަޒްލީން އަޙްމަދު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ، މުވައްޒަފުންގެ ގުޅުންބަދަހިކޮށް ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިފަދަ މަހާސިންތާއެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަމަށެވެ.
މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުޝުކޫރު ޞާލިޙް ވިދާޅުވީ، މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ޚިދުމަތްދިނުމުގެ ރޫޙް އާލާކޮށް، ހިންގުމުގެ ހުނަރު އިތުރުކުރުންކަމަށެވެ. އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ދެވޭނެމަގު ތަނަވަސްކުރުން ހިމެނޭކަމަށް ޢަބްދުޝަކޫރު ވިދާޅުވިއެވެ.
ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތްދެމުން ގެންދާ ހުރިހާ ރަށެއްގެ އިންޖީނުގެތަކުގެ އިސްވެރިންނަށް ބާއްވާ މި މަހާސިންތާގައި ފަރާތެއް ބައިވެރިވެއެވެ. މިއީ ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ.