ކުޅިވަރު

2 ދުވަހުގެ ރެސްޓަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް - ކޯޗު ދިލް


ދެ ދުވަހުގެ ރެސްޓަކާއިއެކު މާދަމާގެ މެޗަށް ނިކުތުމަކީ އަނިޔާގައި ތިބި ކުޅުންތެރިން ރިކަވަރީއަށް ލިބުނު ބޮޑު ފުރުސަތެއްކަމަށް 21 އަހަރުން ދަށުގެ ޤައުމީ ނެޓްބޯޅަ ޓީމްގެ ކޯޗު އައިމިނަތު ހަލީމް (ދިލް)ބުނެފިއެވެ.

އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ ރޭންކިންގ ސެމީ ފައިނަލްގައި މާދަމާ ދިވެހިރާއްޖެ ނިކުންނާނީ އަވައްޓެރި އިންޑިޔާއާއި ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފަސްވަނައާއި ހަވަނައަށް ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ބަލިވާ ޓީމެއް ވާދަކުރަން ޖެހޭނީ މުބާރާތުގެ ހަތް ވަނަ އަދި އަށް ވަނައަށެވެ.

ޒުވާން ގައުމީ ނެޓްބޯޅަ ޓީމްގެ ކޯޗް އައިމިނަތު ހަލީމް (ދިލް) ބުނީ ޓީމްގެ މުހިންމު ކުޅުންތެރިން އަނިޔާއިން ރިކަވަރވާން ލިބުނީ ރަނގަޅު ވަގުތުކޮޅެއްކަމަށެވެ. އިންޑިޔާއަކީ ބަލިކުރެވޭނެ ޓީމެއްކަމަށާއި، ރަނގަޅު ނަތީޖާއަކުން އިންޑިޔާ ބަލިކޮށް މުބާރާތުގައި ރާއްޖޭގެ ރޭންކިންގ މަތިކުރުމަކީ އުއްމީދުކަމަށް ކޯޗު ބުންޏެވެ.

އެންމެ ފަހުގެ މުބާރާތުގެ ރޭންކިންގއަށް ބަލާއިރު ރާއްޖެއަކީ އަށްވަނައެވެ. ކޯޗު ދިލް ބުނީ މިދިޔަ އަހަރުގެ ރޭންކިންގ އެންމެ ދަށްވެގެން މިފަހަރުވެސް ލިބޭނެކަމަށާއި، އެހެންނަމަވެސް އަމާޒަކީ އިންޑިޔާ ބަލިކޮށް މިހާތަނަށް ރާއްޖެއިން ހޯދާ އެންމެ މަތީ ރޭންކް ހޯދުންކަމަށެވެ.

ކޯޗު ދިލް ބުނީ މިހާތަނަށް ޓީމުން މުބާރާތުގައި ދައްކާފައިވާ ކުޅުން ވަރަށް ބޮޑަށް ފާހަގަކުރާކަމަށާއި، އިންޑިޔާ ބަލިކޮށް، ރޭންކިންގގައި ކުރިއަށް ޖެހިލެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.

"ދެ ދުވަސް ރެސްޓްކުރަން ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއް. އަނިޔާގައި ތިބި ކުޅުންތެރިން ރިކަވަރވެ މެޗުގައި މޮޅު ކުޅުމެއް ދެއްކޭނެކަމަށް އުއްމީދުމިކުރަނީ"

އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ޕާކިސްތާނާއި ވާދަކޮށް ރާއްޖެ ވަނީ ކާމިޔާބުކޮށްފައެވެ. ގްރޫޕް ސްޓޭޖްގައި ޖެހިގެން އައި ތިން މެޗުން ޓީމްވަނީ ބަލިވެފައެވެ.