ގަލްފުގެ މުއްސަނދި އަރަބި ޤައުމުތަކާއި ތުރުކީވިލާތުގެ އިޤްތިސާދީ ގުޅުންތައް ވަނީ އެކަށީގެންވާ ވަރަށްވުރެ މާބޮޑަށް ދަށުގައި ކަމަށާ މިގުޅުންތައް ވަރަށް ބޮޑަށް މަތިކުރަންޖެހޭ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ. އުރުދުޣާން ވިދާޅުވީ ތުރުކީވިލާތާއި ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ޤައުމުތަކާ ދެމެދުގައިވާ ސިޔާސީ ގުޅުންތައް ތަރައްޤީ ވެފައިވާ މިންވަރަށް އިޤްތިސާދީ ގުޅުންތައް ތަރައްގީ ކުރަންޖެހޭ ކަމަށެވެ.
އުރުދުޣާން މިމޭރުމުން ވާހަކަ ދެއްކެވީ ކުވައިތުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ އައު ޓާމިނަލްގެ ބިންގާ އެޅުމަށް ކުވައިތު ސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ. އުރުދުޣާން ވިދާޅުވީ ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ޤައުމުތަކާއި ތުރުކީވިލާތާ ދެމެދު މިދިޔަ އަހަރު ކުރެވުނު އިންޕޯޓް އެކްސްޕޯޓް ވިޔަފާރީގެ މިންވަރަކީ 17.4 ބިލިޔަން ޑޮލަރުކަމަށާއި މިއީ ދެފަރާތުގެ އިޤްތިސާދާ އަޅާބަލާއިރު މަދުވިންވަރެއް ކަމަށެވެ. ކުވައިތުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ އައު ޓާމިނަލް ޢިމާރާތް ކުރުމުގެ ކަންތައް ހަވާލުކޮށްފައިވަނީ ތުރުކީގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ލީމާކް ކުންފުންޏާއެވެ.
ލީމާކް ކުންފުންޏަށް އެހީތެރިވުމުގައި ކުވައިތުގެ ފަރާތުން ހަރަކާތްތެރިވަނީ ޚުރާފީ ނެޝަނަލް ކުންފުނިންނެވެ. މި ޓާމިނަލް ޢިމާރާތް ކުރަނީ އަހަރެއްގެ މައްޗަށް 25 މިލިޔަން ފަސިންޖަރުންނަށް ޚިދްމަތްދެވޭ ފެންވަރަށެވެ. މިހާރު ކުވައިތުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ބިނާކޮށްފައިވާ ޓާމިނަލުން އަހަރެއްގެ މައްޗަށް ޚިދްމަތް ދެވެނީ އެންމެ 5 މިލިޔަން ފަސިންޖަރުންނަށެވެ. މިމަޝްރޫއަކީ ގާތްގަނޑަކަށް 2 ބިލިޔަން ޑޮލަރުގެ މަޝްރޫއެކެވެ. މި ޓާމިނަލް ނިންމުމަށް ކަނޑައަޅާފައިވަނީ 3 އަހަރާއި 5 މަހުގެ މުއްދަތެއްގެ ތެރޭގައެވެ. ތުރުކީވިލާތުގެ ކުންފުނިތަކުން ފާއިތުވި 14 އަހަރު ތެރޭގައި ކުވައިތުގައި 51 ބިލިޔަން ޑޮލަރުގެ އަގުހުރި މަޝްރޫޢުތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި މިހާރުވެސް 6.5 ބިލިޔަން ޑޮލަރުގެ އަގުހުރި މަޝްރޫއުތަކެއް ތުރުކީގެ ކުންފުނިތަކުން ކުވައިތުގައި ކުރިޔަށް ގެންދެއެވެ. މީގެތެރޭގައި ގިނައީ ކޮންސްޓްރަކްޝަން މަޝްރޫއުތަކެވެ. ކުވައިތަކީ ތެލުގެ މުއްސަނދިކަން ވަރަށްބޮޑު ޤައުމެއްނަމަވެސް ކުވައިތުން ތުރުކީވިލާތުގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ އަގު 2 ބިލިޔަން ޑޮލަރަށްވެސް ނާރައެވެ. އުރުދުޣާންވަނީ ކުވައިތުގެ އިންވެސްޓްމަންޓްތައް ތުރުކީވިލާތުގައި އެތައް ގުނައެއް އިތުރުކުރުމަށް ގޮވާލައްވާފައެވެ.
ތުރުކީވިލާތާއި ޔޫރަޕްގެ ޤައުމުތަކާ ދެމެދު ގުޅުންތައް ގޯސްވެފައިވާ މިދަނޑިވަޅުގައި އުރުދުޣާން މަސައްކަތް ކުރައްވަނީ ގަލްފުގެ މުއްސަނދި އަރަބި ޤައުމުތަކާއި ތުރުކީވިލާތާ ދެމެދުގައިވާ އިޤްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ކުރިޔަށްއޮތް ހައެއްކަ އަހަރުތެރޭގައި ދެގުނަ އިތުރު ކުރުމަށެވެ. އަދި ގަލްފުގެ ޤައުމުތަކުގެ އިންވެސްޓްމަންޓްތައްވެސް ތުރުކީވިލާތުގައި އެތައް ގުނައެއް އިތުރު ކުރުމަށެވެ. ގަލްފުގެ އިންވެސްޓްމަންޓް ތަކަށް ބޭނުންވާ ފަސޭހަތައް އެހެން އެއްވެސް ޤައުމަކުން ނުދޭމިންވަރަށް ތުރުކީވިލާތުން ދޭނެކަމަށް އުރުދުޣާން ވިދާޅުވިއެވެ.