ވާޒީފާގެ މައިދާނުގައި އެންމެ މުހިއްމު ވަޞީލަތަކީ އިންސާނީ ވަޞީލަތްކަމަށާއި، އިންސާނުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅޭ ކޮންމެ ފިޔަވަޅަކީ ޤައުމުގެ ތަރައްޤީއަށް އެޅޭ ފިޔަވަޅެއްކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެެއެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށް ދިޔަ "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް ކޮންފަރެންސް 2017" ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މަސައްކަތުގެ މާޙައުލުގައި ވަޒީފާ ދޭ ފަރާތްތަކުން އެންމެ މުހިއްމު ސަމާލުކަމެއް ދޭންޖެހޭނީ މުވައްޒަފުންގެ ސަލާމަތާއި ރާއްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު، ރާއްޖޭގައި މަސައްކަތުގެ މާހައުލުގައި ދިމާވާ އެކި ކަހަލަ ހިތާމަވެރި ޙާދިސާތައް ހިނގާލެއް ނިސްބަތުން މަދުވިނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި، ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/14933067268471.jpg| "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް ކޮންފަރެންސް 2017" ފެށުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
ޑިފެންސް މިނިސްޓަރ ވިދާޅުވީ، ވާޒީފާގެ މައިދާނުގައި އެންމެ މުހިއްމު ވަސީލަތަކީ އިންސާނީ ވަސީލަތްކަމަށާ، އިންސާނުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެޅޭ ކޮންމެ ފިޔަވަޅަކީ ޤައުމުގެ ތަރައްޤީއަށް އެޅޭ ފިޔަވަޅެއްކަމަށެވެ.
އަލިފާނުގެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކާ މަސައްކަތްކުރުމާ ބެހޭގޮތުން ދާދިފަހުން ސަރުކާރުން އެކުލަވާލައްވާފައިވާ، އުސޫލާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، މި އުސޫލު އެކުލަވާލެއްވުމުގައިވެސް އެންމެ ބޮޑަށް ފާހަގަކުރެވުނީ، މަސައްކަތް ކުރާ މާހައުލުތައް އޮތްގޮތަށް ވިސްނާލުމުގެ ބަދަލުގައި މީހުން ލައްވާ މަސައްކަތް ކުރުމަށް ބައެއް ކުންފުނިތަކުން ބޮޑަށް އިސްކަންދޭ ދިނުންކަމަށެވެ. އެހެންކަމުން މުވައްޒަފުންގެ ޞިއްޙަތަށާއި، މަސައްކަތް ކުރުމުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ބޮޑަށް ކަށަވަރުކުރުން މުހިއްމުކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
ބާރު ދުވެލީގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން އިސްކަންދޭކަން އުސޫލުން، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށްވެސް ސަރުކާރުން އިސްކަންދެއްވާ ކަމަށާ، މިކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް އެއްބާރުލުން ދިނުމަށް މި ކޮންފަރެންސްގައި މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.