ޚަބަރު

ތަރައްޤީއާއި ހުރަސް ނޭޅުމަށް ރައީސް ގޮވާލައްވައިފި


ރާއްޖެ ބަދުނާމުކުރުމުން، ދިވެހި ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށް ވިދާޅުވެ، ޤައުމީ ތަރައްޤީއާއި ކުރިއެރުމަށް ހުރަސްއެޅޭގޮތަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފިއެވެ. 

ޕީޕީއެމްއާ މުޅިން އަލަށް ގުޅުނު 500 މީހުންގެ މެމްބަރޝިޕް ފޯމްތައް ޙަވާލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ކަންކަން އިސްލާހުކުރުމަށްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަދައްވަމުންގެންދަވާއިރު، އިސްލާހް ކުރަންވީ ކަމެއް ނުވަތަ ދާއިރާއެއް ވިދާޅުވެދެއްވުން މުހިއްމުކަމަށެވެ. 

ރައީސް ވިދާޅުވީ، މަޝްވަރާކުރަން ސިޔާސީ  ޕާޓީތަކުން ބޭނުންވަނީ ކުށްކުރާ މީހުން ސަލާމަތް ކުރުމަށް ނަމަ އެކަންވެސް ކުރެވެން އެބައޮތް ކަމަށެވެ. އެގޮތުން ރައީސް ނަޝީދު މިނިވަން ކުރައްވަން ބޭނުންވާނަމަ އިދިކޮޅު ހުރިހާ ލީޑަރުން ސޮއިކޮށް ސިޓީ ފޮނުވައިދެއްވުމުން މަޖިލީހުގެ ތެރެއިން އެކަން ކުރުމަށް މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި  މުޅި ރާއްޖޭގެ ރައްޔިތުންގެ ފައިދާއާއި ކުރިއެރުމަށް ހުރިހާ ސިޔާސީ ލީޑަރުން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގޮވާލައްވާ ގޮވާލެއްވުން މިއަދުވެސް ވަނީ  ތަކުރާރުކުރައްވާފައެވެ. 

ސިޔާސީ ބައެއް މީހުން ދައްކާ ވާހަކަތައް ސާބިތުކުރުމަށް ތަހުޤީގީ އިދާރާތަކުން ސުވާލުކުރުމުން ހަނުހުރުމަކީ ހައްލެއް ނޫންކަމަށާއި، ބައެއް ކަހަލަ މައްސަލަ ތަކުގައި ހަނު ހުރުމުން ރައްޔިތުން އެކަމާމެދު ވިސްނާނީ އެއީ ކުށްވެރިއެއްގެ ގޮތުގައިކަމަށާއި، އެކަންކަމަށް އެކަށީގެންވާ ޖަވާބެއް ދޭނެ ޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ. 

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި މާލެއިން ޕީ.ޕީ.އެމްއާ ގުޅުނު 200 ފޯމް، އަދި އެކި ރަށްރަށުން ގުޅުނު ތިންސަތޭކައެއްހާ މީހުންގެ ފޯމާއި ހަވާލުވެވަޑައިގަތީ ޕީ.ޕީ.އެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.