ކުޅިވަރު

ބާސާއަށް މަޝެރާނޯ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއެކު ބޮޑު މޮޅެއް


ބާސާއަށް ބަދަލުވެ ހަތް އަހަރު ފަހުން މަޝެރާނޯ ބާސެލޯނާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއެކު ސްޕެނިޝް ލަލީގާގައި އޮސަސޫނާގެ މައްޗަށް ބާސެލޯނާ ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ސްޕެނިޝް ލަލީގާގެ އެންމެ ފުލުގައި އޮތް އޮސަސޫނާ އާއި އެންމެ ކުރީގައި އޮތް ބާސެލޯނާ ބައްދަލުކުރި މިމެޗު ބާސާ ކާމިޔާބުކުރީ 7-1 ންނެވެ. މިމެޗުގައި ބާސެލޯނާގެ ލައެނަލް މެސީ އާއި އަންދްރޭ ގޮމޭސް އަދި ޕާކޯ އަލްކާސެރް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ.

ލަލީގާގައި ގޯލެއް ނުޖެހި ދުއިސައްތަ މެޗު ހަމަވުމާ ކައިރިވެފައިވާ ހަވިއޭ މަޝެރާނޯ ބާސެލޯނާއަށް ލީގުގައި ޖަހައިދިން ފުރަތަމަ ލަނޑުވެސް މިމެޗުގައި ވަނީ ފެނިގެންގޮސްފައެވެ. މަޝެރާނޯގެ މިލަނޑަކީ މެޗުގެ ދެވަނަ ހާފްގައި ބާސެލޯނާ ފަހެއް އެކަކުން ލީޑް ކުރަމުން ދަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ ލަލީގާގައި ކުޅެދިން 194 މެޗުގައި މަޝެރާނޯ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މިމެޗުން ބާސެލޯނާ މޮޅުވުމުން ރިއަލްއާއި ބާސާގެ ޕޮއިންޓް އެއްވަރުވެ ދެޓީމްގެ ކުރިމަތިލުމުން ކުރި ހޯދައިގެން އެއްވަނާގައި އޮތީ ބާސާއެވެ.