ތަރައްްޤީ

ވީއައިއޭގެ ސީޕްލޭން ޓާމިނަލް ހެދުމަށް ބިންހިއްކަން ފަށައިފި


ދުނިޔޭގެ އެންމެބޮޑު ސީޕްލޭން ޓާރމިނަލްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ޢިމާރާތްކުރާ ސީޕްލޭން ޓާރމިނަލް ބިނާކުރާ ސަރަޙައްދުގެ ބިންހިއްކުމުގެ މަސައްކަތް  އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ފަށްޓަވައިދެއްވައިފިއެވެ.

މި މަސްރޫޢުގެ ދަށުން 3.2 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ގެންދަވަނީ، ބިޔަ މަޝްރޫޢެއް ހިންގަވަމުންނެވެ. މިގޮތުން އެއަރޕޯޓުގެ ތަރައްޤީގެ ބިޔަ މަޝްރޫޢުގައި ހިމެނޭ ބައިތަކުގެ ތެރެއިން އެންމެބޮޑު އެއް ސެގްމަންޓަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޢިމާރާތްކުރާ ސީޕްލޭން ޓާރމިނަލެވެ. މިއީ ދުނިޔޭގެ އެއްމެބޮޑު ސީޕްލޭން އޮޕްރޭޝަނަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ ޓާރމިނަލެކެވެ.

މި ޓާރމިނަލް ޢިމާރާތްކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީމަސައްކަތް ފަށްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ.

img:http://s4.psmnews.mv/images/660x400/14932198837780.jpg|އެއާޕޯޓުގެ އާ ސީ ޕްލޭން އަޅާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓަރު މުޙަންމަދު ސަޢީދު ފަށްޓަވައިދެއްވަނީ. – ޕީއެސްއެމް ފޮޓޯ: ޢަލީ ނަޞީރު

މި ޓާރމިނަލް އެޅުމަށް 3.2 ހެކްޓަރގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން 1.8 ހެކްޓަރ ޓަރމިނަލް ޢިމާރާތްކުރުމަށް ޚާއްޞަކޮށްފައިވާއިރު 1.4 ހެކްޓަރު ޚާއްޞަކޮށްފައިވަނީ ސީޕްލޭން ޕާކްކުރުމަށެވެ.

އެއަރޕޯޓްގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެއަރޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ މި މަޝްރޫޢަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ސަރުކާރުން ކުރިޔަށްގެންދާ އެއްމެ މުހިންމު އެއް މަސްރޫޢުކަން ފާހަގަކުރެއްވި. އަދި މި މަސްރޫޢު ހަލުވިކަމާއެކު ކުރިޔަށް ދާކަމަށް ޢާދިލް ވިދާޅުވިއެވެ.

ބިން ހިއްކުން ފަށްޓަވައިދެއްވުމަށްފަހު، ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ އެއަރ ޕޯޓްގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިޔަށްދާއިރު ރާއްޖޭގެ އިޤްތިޞާދުން ފެންނަމުންދަނީ އުންމީދީ މަންޒަރުތައްކަމަށް. އަދި އެއާއެކު އިންވެސްޓަރުންގެ ޝައުޤުވެރިކަންވެސް ރާއްޖެއާމެދު އިތުރުވެގެން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މިހާރު ހުރި ސީ ޕްލޭން ޓާރމިނަލް އެހެން ސަރަޙައްދަކަށް ބަދަލުކޮށް އެތަން އަލުން ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފެށްޓެވީ އަލަށް އަޅާ ރަންވޭއަށް ބޭނުންވާ ޖާގަދިނުމުގެ ގޮތުން.  ޓާމިނަލް އެޅުމުގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ، އެއަރޕޯޓުގެ ރަންވޭ ހެދުމުގެ މަސައްކަތްވެސް ޙަވާލުކޮށްފައިވާ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާއެވެ. މި ޓާރމިނަލް ނިމޭއިރު ސީޕްލޭނަށް ޚާއްޞަ 3400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެއް އޮންނާނެއެވެ.