ސައުތަމްޓަނާއި ދެކޮޅަށް ރޭ ކުޅުނު މެޗުން ކުޅުންތެރިން ލީގު ހޯދަން ބޭނުންވާ މިންވަރު ފެނުނުކަމަށް ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސައުތަމްޓަން އަތުން ހޯދި މޮޅާއިއެކު ޗެލްސީ ވަނީ ޕްރިމިއަރ ލީގު ތާވަލްގެ އެންމެ ކުރީގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.
ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނީ ޕްރިމިއަރ ލީގު ކާމިޔާބުކުރަން ބޭނުންވާ މިންވަރު ރޭގެ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމުން އެނގިގެންދާކަމަށެވެ. ރޭގެ މެޗަކީ ކުޅުންތެރިން ކުރިމަތިލާން ޖެހުނު ބޮޑު އިމްތިޙާނެއްކަމަށާއި، ހުރިހާ ކުޅުންތެރިންވެސް ތަފާތު ދައްކައިދިންކަން ކޯޗު ފާހަގަކުރިއެވެ.
"ކުޅުންތެރިން އެ ދައްކާ ހިތްވަރަށް ފަޚުރުވެރިވޭ، ކޮންމެ ކުޅުންތެރިއަކުވެސް އެ ދައްކައިދެނީ ޕްރިމިއަރ ލީގު ހޯދަން ބޭނުންވާ މިންވަރު"
ރޭގެ މެޗު ޗެލްސީ ކާމިޔާބުކުރީ 4-2 ންނެވެ. ޗެލްސީގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ ޑިއޭގޯ ކޮސްޓާއެވެ. އަނެއް ދެ ލަނޑު ޖަހައިދިނީ އެޑެން ހަޒާޑް އަދި ގެރީ ކެހިލްއެވެ. ކޮސްޓާ މެޗުގައި ޖެހި ދެ ލަނޑާއިއެކު އޭނާ ޗެލްސީއަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 51 އަރާފައެވެ.
އެޑެން ހަޒާޑް ރޭގެ މެޗުގައި ޖެހި ލަނޑަކީ މިސީޒަންގައި އޭނާގެ 15 ލަނޑެވެ. މިއީ އެއް ސީޒަނެއްގައި އޭނާ އެންމެ ގިނައިން ޖެހި ގޯލްގެ އަދަދެވެ.
ގެރީ ކެހިލް ޖެހި ގޯލާއިއެކު އޭނާ ވެގެންގޮސްފައިވަނީ ޕްރިމިއަރ ލީގުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ޑިފެންޑަރަށެވެ. ޕްރިމިއަރ ލީގުގައި އެންމެ ގިނަ ލަނޑު ޖެހާފައިވާ ޑިފެންޑަރަކީ 40 ލަނޑު މިހާތަނަށް ޖަހާފައިވާ ޗެލްސީގެ ޓޯން ޓެރީއެވެ.
ރޭގެ މެޗުގައި ސައުތަމްޓަންގެ ލަނޑު ޖަހައިދިނީ އޮރިއެލް ރެމޫ އަދި ރްޔާން ބާރޓްރަންޑެވެ.