ރާއްޖޭގެ އިޤްތިސާދު ހަރުދަނާކުރެއްވުމަށް ބައިނަލްޢަޤްވާމީ ފެންވަރުގައި މަސައްކަތްތައް ކުރާއިރު، ދިވެހި ޚާރިޖީ ދާއިރާ އެކަމަށް ތައްޔާރުވެތިބުމަށް ކުރަންޖެހޭ ކަންކަމާމެދު، ސަފީރުންގެ މަހާސިންތާގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.މުޙައްމަދު އާސިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާސިމް މިހެން ވިދާޅުވީ، ދިވެހި ސަފީރުންގެ އަހަރީ މަހާސިންތާ ނިންމަވާލެއްވުމަށްފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި ސަފީރުންގެ މަހާސިންތާ ބާއްވާފައިވަނީ، "ޑެސްޓިނޭޝަން މޯލްޑިވްސް" ނުވަތަ ދިވެހިރާއްޖެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުން މި ޝިޔާރުގެ ދަށުންނެވެ. މިއީ ކާމިޔާބު މަހާސިންތާއެއްކަން ފާހަގަކުރައްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.މުޙައްމަދު އާސިމް ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދީ، އިޖްތިމާޢީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރައްވާ މަސައްކަތްތަކުގެ މެދުވެރިއެއްގެ ގޮތުން ދިވެހި ޚާރިޖިއްޔާއިން މުހިއްމު ދައުރެއް އަދާކުރައްވާކަމަށާއި، އެމަސައްކަތްތަކުގައި މިނިސްޓްރީތަކާއި، ސަފީރުންނާއި ދެމެދު އޮންނަ ގުޅުން މި މަހާސިންތާގެ ތެރެއިން އިތުރަށް ހަރުދަނާކުރެވިފައިވާކަމަށެވެ.
img:http://s4.psmnews.mv/images/660x400/14927030286495.jpg|ސަފީރުންގެ މަހާސިންތާ ފެށުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރ ވިދާޅުވީ، މި މަހާސިންތާގައި ޚާރިޖީ ދާއިރާ ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެވި ގޮތްތަކެއްވެސް ނިންމަވާފައިވާކަމަށެވެ.
ބޭރު ދުނިޔޭގައި ރާއްޖެއިން ހަރަކާތްތެރިވާއިރު، ތިމާވެށްޓާއި، ދެމެހެއްޓެނިވި ތަރައްޤިއާއި، ކައުންޓަރ ޓެރަރިޒަމާއި، އިންސާނީ ޙައްގުތަކާއި ގުޅޭގޮތުން، ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި، އެކަންކަމުގައި ސަރުކާރުގެ ޕޮޒިޝަންތަކާއި ގުޅޭގޮތުންވެސް މި މަހާސިންތާގައި މަޝްވަރާކުރައްވާފައިވެއެވެ. މިމަޝްވަރާތައް ކުރެއްވީ މިހާރު ކުރައްވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެއްވުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
img:http://s1.psmnews.mv/images/660x400/14927030719348.jpg|ސަފީރުންގެ މަހާސިންތާ ފެށުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
މިމަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރެއްވި ކަންކަމާއިމެދު މަޝްވަރާކުރައްވައި ސަފީރުންގެ މެދުގައި އެކަންކަމަށް އެއްބަސްވެވުނުކަމަށާ، މިކަމާމެދު ސަފީރުންގެ ޚިޔާލުތައް ވަރަށް އަވަހަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވާނެކަމަށް، ޑރ.މުޙައްމަދު އާސިމް ވަނީ ވިދާޅުވެފައެވެ.
ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދުނިޔޭގެ އެކި ޤައުމުތަކުގައި ތިއްބަވާ ސަފީރުންގެ ދައުރު ފުޅާކުރައްވައި، އެމްބަސީތަކުން އަދާކުރެވިދާނެ ދައުރާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ދެދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ މިމަހާސިންތާ ކޮންމެ އަހަރަކު އެއްފަހަރު ބޭއްވުމަށް ވަނީ ނިންމަވާފައެވެ.