ރާއްޖޭގެ ސިއްޙީ ދައިރާގައި އޮތް އެންމެ ހަރުދަނާކަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޢުލީމާއި ތަޖުރިބާ ޙާސިލްކޮށްފައިވާ ބޭފުޅުން މި ދާއިރާގައި މަސައްކަތްކުރައްވަމުން ގެންދެވުންކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވާ ސީނިއާ ނަރުހުންނަށް އަމާޒްކޮށް މިމަހުގެ 17 އިން 18 އަށް ކުރިޔަށްގެންދިޔަ ކްލިނިކަލް ފެސިލިޓީ އެންޑް ސްޕަވިޒަން ވޯކްޝޮޕް ނިންމުމަށް ހުޅުމާލޭ ޣާޒީ ސްކޫލްގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރަމުންދާ އަވަސްކަން ފާހަގަކުރައްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ވަސީލަތުގެ ގޮތުން ސިއްޙީ ދާއިރާ ކުރިއަރަމުންދާއިރު އެދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުވަމުން ނުދިޔުމަކީ ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށެވެ. އެހެންނަމަވެސް މީހުން ތަމްރީންކޮށް ތާޒާކުރުމަށް ހިންގާ ވޯކްޝޮޕްތަކުގެ ފައިދާ ކުރަމުން ދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވަމުންގެންދަވާ ސީނިއަރ ނަރުހުންނަށް އަމާޒްކޮށްގެން ކުރިޔަށް ގެންދިޔަ މި ވޯކްސޮޕް އިންތިޒާމް ކޮށްފައިވަނީ އީ.ބީ.ޕީ.އެކްސީ މޯލްޑިވްސްގެ ފަރާތުންނެވެ. މި ވޯކްޝަޕް ސްޕޮންސަރ ކޮށްފައިވަނީ އާސަންދަ ކުންފުނިންނެވެ. މިރަސްމިޔާތުގައި ވޯކްޝޮޕްގެ ބައިވެރިންނަށާއި މި ވޯކްޝޮޕް އިންތިޒާމްކޮށްދެއްވި ފަރާތްތަކަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ހެލްތްމިނިސްޓަރ އަބްދުﷲ ނާޒިމްއެވެ.