ސިއްހަތު

"ތަރައްޤީގެ ސަބަބުން ސިއްހީ ދާއިރާއަށް ބޮޑު ހިތްހަމަޖެހުމެއް"


ސަރުކާރުގެ ތަސައްވުރާ އެއްގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ފުރިހަމަވެގެންދާއިރު، ދިވެހި ރައްޔިތުންގެ ހިތްތަކަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ގެނުވާނެ ދާއިރާއަކީ ސިއްހީ ދާއިރާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އދ. އަތޮޅު ހޮސްޕިޓަލަށް 14 އަހަރު ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ނާޡިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވިސްނުންފުޅާއި، އެމަނިކުފާނު ގެންގުޅުއްވާ ތަރައްޤީގެ ތަސައްވުރުތައް ފުރިހަމަވެގެންދާއިރު، ދިވެހި ރައްޔިތުންގެ ހިތްތަކަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ގެނުވާނެ ދާއިރާއަކީ ސިއްހީ ދާއިރާކަމަށެވެ. އެގޮތުން އައި.ޖީ.އެމް.އެޗާއި އަތޮޅު ހޮސްޕިޓަލްތަކާއި، ރީޖަނަލް ހޮސްޕިޓަލްތައް، އަދި ރަށްރަށުގެ ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރތައް ތަރައްޤީކޮށް، އެތަންތަނުގައި ރަނގަޅު ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިއަދު އައި.ޖީ.އެމް.އެޗަކީ އެމް.އާރ.އައި މެޝިނެއްގެ ހިދުމަތް ދެމުން އަންނަ ތަނެއް. އަދި ނެޝެނެލް ޑައިގްނޯސްޓިކް ސެންޓަރުގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ނިމިގެންދާއިރު، އެތަނުގައި އިތުރު އެމް.އާރ.އައި މޭޝިނެއް ޤާއިމުވެގެންދާނެ.. އަދި ހަމައެއާއެކު ކެތެލެބް ފަދަ ކިޑްނީގެ ބަލިތަކަށް ބޭސްކުރާ ވަސީލަތްތަކާއި، އިތުރު ވަސީލަތްތައްވެސް އެތަނުގައި ޤާއިމުވެގެންދާނެ. އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އެތައް ގުނައަކަށް ތަރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ.." ހެލްތް މިނިސްޓަރ ނާޡިމް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14921614959065.jpg|އދ އަތޮޅު ހޮސްޕިޓަލުގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މީގެ އިތުރުން ދުނިޔޭގެ ސިއްހަތު ދުވަހުގެ މިއަހަރުގެ ޝިއާރު ކަމުގައިވާ "މާޔޫސްވުމުގެ ބަލި ވާހަކަދައްކަމާ" މި ޝިޢާރާއި ގުޅޭގޮތުންވެސް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ވިދާޅުވީ ބައްޔަކީ ހަމައެކަނި އިންސާނެއްގެ ބޭރު ފުށުން ފެންނަން ހުންނަ ޒަޙަމްތަކެއް ނުވަތަ އަނިޔާއެއް ނޫންކަމަށާއި، ޑިޕްރެޝަން ފަދަ ނަފްސާނީ ގޮތުން މީހުންނަށް ދިމާވާ އެކި ކަހަލަ ކަންކަމުގައިވެސް މުޖުތަމަޢުގެ އަޅާލުމާއި އޯގާތެރިކަން ބޭނުންވާކަމުގައެވެ.

"މީހަކު މާޔޫސްވެ ކަންބޮޑުވާ ހިސާބަށް ދިޔައީމަ ދެން އެމީހަކު ޢަމަލުކުރަންވީ ނުވަތަ އެހީތެރިކަން ހޯދަންވީ  ކޮންފަރާތަކުންކަން އޭނާއަށް އެނގޭނެ ނިޒާމެއް އަޅުގަނޑުމެން އެބަ ޤާއިމުކޮށްދޭންޖެހޭ. ޚާއްސަކޮށް މުސްލިމުންނަށްވީތީ، އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، އޯގާތެރިވުމާއި، އަޅާލުން އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި އިތުރަށް ދިރުވާ އެބަ އާލާކުރަންޖެހޭ.. ބަލިވުމަކީ ހުސް އެކަނި މީހާގެ ހަށިގަނޑުން ތަނެއް ހަލާކުވެފައިހުރުން، ނުވަތަ ފެންނަށް ހުންނަ އަލާމާތަކުން އެކަން ސާފުކޮށް ޤަބޫލުކުރާ ޤަބޫލުކުރުން މިއަދު މާޒީވެ ހިނގައްޖެ. މިހާރުގެ ތަޙްލީލުތަކުން ޖިސްމާނީ ބަލިތަކަށްވުރެ، ނަފްސާނީގޮތުން މީހާގެ ސިކުނޑިއާއި ގުޅުންހުރި މާ ނުރައްކާތެރި ބަލިތައް އެބަހުރި.." ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14921615611377.jpg|އދ އަތޮޅު ހޮސްޕިޓަލުގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

އދ. އަތޮޅު ހޮސްޕިޓަލުގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލުގައި އެކި ގޮތްގޮތުން ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ދެއްވާފައެވެ. އަދި މޯލްޑިވްސް ރެޑް ކްރެސެންޓާއި އދ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ހިންގި ފަސްޓް އެއިޑް ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކަށްވެސް ލިޔުން ދެއްވާފައެވެ. މީގެ އިތުރުން ޔޫ.އެން.ޑީ.ޕީއާއި ހެލްތް މިނިސްޓްރީން ގުޅިގެން ފަށާފައިވާ "ގްރީން ހީލިންގ ހޮސްޕިޓަލް" ޕްރޮގްރާމުގައި ބައިވެރިވެ، އެ ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޙާއްސަ ފަންޑު ފޮއްޓެއްވެސް ވަނީ އިފްތިތާޙުކޮށްފައެވެ. މި ފަންޑު ފޮށި އިފްތިތާޙްކޮށްދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

މި ޖަލްސާގައި އދ. އަތޮޅު ހޮސްޕިޓަލްގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓުވެސް ހެލްތް މިނިސްޓަރ ވަނީ ނެރެދެއްވާފައެވެ. އަދި އދ. އަތޮޅު ހޮސްޕިޓަލުގެ ތަރައްޤީއަށް އެތަނުގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.