ތަޢުލީމު

މިސްރުގެ ޤުރުއާން މުބާރާތަކަށް ދިވެހި ދަރިވަރަކު ފުރައިފި


މިޞްރުގެ މިނިސްޓްރީ އޮފް އައުޤާފުން ބާއްވާ ޤުރުއާން ހިތުދަސްކުރުމުގެ މުބާރާތުގައި ބައިވެރިވުމަށް ދިވެހި ދަރިވަރު ފާޠިމަތު ރަހުވާ ރަޝީދު ފުރައިފިއެވެ.

މިމަހުގެ އަށަކުން ބާރައަށް މިސްރުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވާ ދިވެހި ދަރިވަރު ފާޠިމަތު ރަހުވާ އަކީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑު 10 ގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރެކެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާފިޡްކަމުގެ ޝަރަފުވެރި މެޑަލް 2016 ވަނަ އަހަރު ޙާޞިލް ކޮށްފައި ރަހުވާ ޙާފިޡް ކަމުގެ ސަނަދު ޙާޞިލްކޮށްފައިވަނީ އޭނާގެ އުމުރުން އެންމެ ފަނަރަ އަހަރުގައެވެ.  

ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެ ރަހުވާ ޤްރުއާން ހިތުދަސްކުރުމުގެ މަސައްކަތް ފަށާފައިވަނީ އުމުރުން އެންމެ ހަތް އަހަރުގައެވެ. ޙާފިޡް ކަމުގެ ސަނަދު ހާޞިލްކުރުމަށްފަހު ރަހުވާ މިހާރު ކިޔަވަމުން ގެންދަނީ އިޖާޒާ ކުލާހުގައެވެ.