ޚަބަރު

ދިވެހި އެފްއެމް- 11 އަހަރުގެ ޚިދުމަތް- 9 ކަނބަލުންގެ މަސައްކަތް


ރާއްޖޭގެ އާބާދީގެ އަށްޑިހަ އިންސައްތައަށްވުރެ ބޮޑު ބަޔަކަށް އެފްއެމް ކަވަރޭޖް ލިބެއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ އެފްއެމް ޗެނަލް، ދިވެހި އެފްއެމްއަށް މިއަދު 11 އަހަރު ފުރިއްޖެއެވެ. 11 އަހަރުގެ ޚިދުމަތް މިއަދު ފާހަގަކުރަމުންދާއިރު 24 ގަޑިއިރުގެ އެފްއެމް ރޭޑިއޯ ޗެނަލެއް ހިންގުމުގައި ޙަރަކާތްތެރިވަނީ 9 އަންހެން ކަނބަލުންނެވެ.

ދިވެހިއެފްއެމްގެ ޚިދުމަތް ފަށާފައިވަނީ 2006 ވަނަ އަހަރުގެ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. ދިވެހި އެފް އެމް ފުރަތަމަ ފެށިގެންދިޔައީ ދިވެހި ރާއްޖޭގެ އަޑުގެ މިއުޒިކް ޗެނަލްގެ ގޮތުގައި، ރާއްޖެއެފްގެ ނަމުގައެވެ. އެންމެ ފުރަތަމަ ބްރޯޑްކާސްޓްކުރަން ފަށާފައިވަނީ ވަކި ގަޑިތަކެއް ކަނޑައަޅައި އެގަޑިތަކުގައި އެކަންޏެވެ. ޢާންމުންގެ މަޤްބޫލުކަމާއެކު އެފްއެމްގެ ޚިދުމަތް ފުޅާކޮށް، ތަރައްޤީކޮށް މިހާރު ކުރިއަށްގެންދާ ގޮތަށް މެދުކެނޑުމެއް ނެތި 24 ގަޑިއިރު ދިވެހި އެފްއެމްގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ފަށާފައިވަނީ 2007 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 29 ގައެވެ. އަދި އެއަށްފަހު ޗެނަލް ރީބްރޭންޑްކޮށް ދިވެހިއެފްގެ ނަމަށް ބަދަލުކޮށް 2012 ވަނަ އަހަރުން ފެށިގެން އަންނަނީ ޚިދުމަތްދެމުންނެވެ.

img:http://s2.psmnews.mv/images/660x400/14910452644695.jpg|ދިވެހި އެފްއެމްގެ ޕްރޮގްރާމެއް ކުރިއަށްދަނީ-

ދިވެހި އެފް އެމް އަކީ މުނިފޫހި ފިލުވުމުގެ ތެރެއިން ޒުވާނުންނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެކި މެސެޖްތައް ދެމުންދާ ޗެނަލެކެވެ. އެފްއެމްގެ ޕްރޮގްރާމްތައް ޚާއްޞަކޮށްފައިވަނީ ދިވެހި މުޖްތަމަޢުގައި ހުރި ތަފާތު އެކި މައްސަލަތައް ޙައްލުކުރުމުގައި ޒުވާނުންގެ އެއްބާރުލުން ބޭނުންވާކަން އަންގައިދިނުމުގެ ގޮތުންނެވެ. މިއުޒިކް ޗެނަލްއެއްގެ ގޮތުގައި އުފެއްދި ދިވެހި އެފް.އެމްއިން މުނިފޫހި ފިލުވުމުގެ ދާއިރާއާ ގުޅުންހުރި ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ކަންކަމާ ގުޅޭ މަޢުލޫމާތުގެ އިތުރުން ތަފާތު ލަވަތައް ގެނެސްދެއެވެ. ރާއްޖޭގެ މިޔުޒިކީ ފަންނާނުންގެ މަސައްކަތްތަކާއި ކާމިޔާބީތައް ޢާންމުންނާ ހަމައަށް ގެނެސްދީ އެފަދަ ފަންނާނުންނަށް ހިތްވަރުދިނުމުގެ މުހިންމު ދައުރެއް ދިވެހިއެފްއެމުންދަނީ އަދާކުރަމުންނެވެ.

ޚިދުމަތުގެ އެގާރަ އަހަރު މިއަދު ފާހަގަކުރަމުންދާއިރު، ދިވެހި އެފްއެމްގެ އެންމެ ބޮޑު ކާމިޔާބީއަކަށް ވާނީ މިޗެނަލަކީ ރާއްޖޭގެ އަށްޑިހަ އިންސައްތައަށްވުރެ ބޮޑު ބަޔަކަށް ކަވަރޭޖް ދެމުންދާ ހަމައެކަނި އެފްއެމް ޗެނަލަށްވުމެވެ.