އަރަބި ބަސް އުނގަންނަވައި ދެއްވުމަށް ރާއްޖޭގައި ފައްޓަވާ އެންމެ ބޮޑު މަޝްރޫޢު އަންނަ އަހަރު ޖެނުއަރީ މަހު ފައްޓަވާނެކަމަށް އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، ވޭތުވެދިޔަ އަހަރު އެ ޔުނިވަރސިޓީއިން ގިނަ ކާމިޔާބީތަކެއް ހާޞިލް ކޮށްފައިވާކަމަށެވެ. މިގޮތުން ތަފާތު ދާއިރާތަކުން މަތީތަޢުލީމުގެ އާ ފުރުޞަތުތައް ހުޅުވާލައްވާ، ޔުނިވަރސިޓީގެ ލައިބްރަރީގެ ޚިދުމަތް ފުޅާކޮށް ބަޢިނަލްއަޤްވާމީ އޮންލައިން ލައިބްރަރީގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާކަން ޝަހީމް ފާހަގަކުރެއްވިއެވެ.
ޑރ. މުޙައްމަދު ޝަހީމް ވިދާޅުވީ މިއަހަރާއި އަންނަ އަހަރުވެސް އެ ޔުނިވަރސިޓީން ގިނަ ކަންތައްތަކެއް ކުރުމަށް ރާވަވާފައިވާކަމަށެވެ. މިގޮތުން އިމާމުންނާއި ކައުންސިލަރުންނަށް ޚާއްޞަ ކޯސްތަކެއް މިއަހަރު ފެށިގެންދާނެކަމަށް ޝަހީމް ވިދާޅުވިއެވެ. ކައުންސިލަރުންނަށް އަމާޒުކުރައްވައިގެން ހިންގަވާ މި ކޯސްތައް ނިމޭއިރު ކައުންސިލަރުންނަށް ޚުތުބާކިޔާ، އިމާމުވެ ނަމާދު ކުރާނެ ފެންވަރުން ހުންނާނެކަމަށާއި މި ކޯސްތައް ހިންގަވާނީ އަތޮޅުތެރޭގައިކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
އަންނަ އަހަރަށް އިސްލާމިކް ޔުނިވަރަސީޓީން އެންމެ ބޮޑު އެ މަޝްރޫއެއްގެ ގޮތުގައި ފަށްޓަވާނީ އަރަބި ބަސް އުގަންނައިދިނުމުގެ މަސައްކަތްކަމަށާއި އެކަމަށް ތައްޔާރރުވަމުން ގެންދަވާކަމަށްވެސް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.
"އަރަބި ބަސް އުނގަންނަވައިދެއްވުމަށްޓަކާ ރާއްޖޭގެ ތާރީޚްގައި ކުރިއަށްގެންދެވޭނެ އެންމެ ބޮޑު މަޝްރޫޢު ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފަ. މި މަޝްރޫޢުގެ ދަށުން 43 ފޮތުގެ މައްޗަށް އެކުލެވޭ ސިލްސިލާއެއް ލިޔުމުގެ މަސައްކަތް ވަނީ ފަށާފަ. ވިޔަފާރިއާއި، އިޤްތިޞާދާއިމ ޓުވަރިޒަމާއި، ބައިނަލްޢަޤްވާމީ ގުޅުމާއި، މީޑިއާއާއި، ދީނީ އަދި ޤާނޫނީ ދާރިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަރަބި ބަސް އުނގަންނަވައިދެއްވުމުގެ މި މަޝްރޫޢުގެ ދަށުން 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެތެރޭގައި ކިޔެވުން ފެށުމަށް މިދަނީ މަސައްކަތް ކުރަމުން. " ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ ޝަހީމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ބާއްވާ އިސްލާމީ އިޤްތިޞާދާ ގުޅޭ ބައިނަލްޢަޤްވާމީ އެންމެ ބޮޑު ކޮންފަރެންސް މިއަހަރުގެ ނޮވެމްބަރ މަހު ބާއްވަވާނެކަމަށެވެ. އަދި އެއަށްފަހު އިސްލާމީ ހަޟާރަތާގުޅޭ ސަރަހައްދީ ފެންވަރުގެ ކޮންފަރެންސްއެއް އަންނަ އަހަރުގެ މެދުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ޑރ. މުޙައްމަދު ޝަހީމް ވިދާޅުވިއެވެ.