ފަލަސްތީނަކީ މެދުއިރުމަތީގެ ގަދަ ބާރެއްކަމަށާއި، މާދަމާގެ މެޗުން މޮޅުވެވޭނީ ޓީމެއްގެ ގޮތުގައި ތަފާތު ދައްކައިގެންކަމަށް ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ޑަރެން ސްޓެވާޓް ބުނެފިއެވެ.
އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖްގައި މާދަމާރޭ ފަލަސްތީނާއި ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ގައުމީ ޓީމްގެ ކޯޗް ޑަރެން ސްޓެވާޓް ބުނީ ފަލަސްތީނަކީ މިދިޔަ ދެ ތިން އަހަރު ބޮޑު ކުރިއެރުމެއް ހޯދާފައިވާ ގޮތް ނޭނގޭ ޓީމެއްކަމަށެވެ. މެދުއިރުމަތީގެ ވަރުގަދަ ގައުމުތަކާއި ވާދަކޮށް ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ ފަލަސްތީނާކީ އެ ސަރަހައްދުގެ ގަދަ ބާރެއް ކަމަށް ކޯޗް ބުންޏެވެ.
ސްޓެވާޓް ބުނީ އެންމެ ފަހުން އެޓީމް ކުޅުނު ދިހަ މެޗަށް ބެލިޔަސް ތަފާތުތަކެއް ފާހަގަވާކަމަށާއި، އެޓީމްގެ ފުރަތަމަ އެގާރަވެސް އަންދާޒާކުރަން އުނދަގޫކަމަށެވެ. ހުރިހާ ގޮތަކުންވެސް ދިވެހިޓީމް އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށްކަމަށާއި، މާދަމާގެ މެޗުގައި ޓީމުން އަލަށް ޖާގަ ހޯދި ބައެއް ކުޅުންތެރިންނަށް ތަފާތު ދައްކަން ފުރުސަތު ދޭނެކަމަށްވެސް ކޯޗް ބުންޏެވެ.
"މާދަމާގެ މެޗުގައި މި ނިކުންނަނީ އާދައިގެ ޓީމަކާއި ދެކޮޅަށް ނޫން، ވަރަށް ވަރުގަދަ ޓީމެއް މީ، މެދުއިރުމަތީގެ ގަދަ ބާރެއް، ގޮތް ނޭނގޭ ޓީމެއް. އެހެންކަމުން މެޗް އުނދަގޫވާނެކަން އިނގޭ، ކުޅުންތެރިންނަށް އިތުބާރު އެބައޮތް، މެޗުން ރަނގަޅު ނަތީޖާއެއް ނެރެން ޓީމް އޮތީ ތައްޔާރަށް"
img:http://s2.psmnews.mv/images/660x400/14906034541812.jpg|ފަލަސްތީން ޓީމްގެ ކޯޗް އަބްދުއް ނާސިރް ބަރަކާތު / ފޮޓޯ : ޕީއެސްއެމް
ފަލަސްތީންގެ ކޯޗް އަބްދުއް ނާސިރް ބަރަކާތު ބުނީ މެޗަށް ޓީމް ވަރަށް ރަނގަޅަށް ތައްޔާރުވެއްޖެކަމަށާއި، ގަލޮޅު ދަނޑުގައި ދިވެހި ޓީމާއި ދެކޮޅަށް ނިކުންނަން ޖެހުމަކީ އޭނާ ބޭނުންވި ގޮތެއް ނޫންކަމަށެވެ. ދިވެހިންނަކީ ފަލަސްތީން ފުޓްބޯޅަ ޓީމާއި ގާތް ބައެއްކަމަށާއި، އެހެންނަމަވެސް މާދަމާ މެޗް ކާމިޔާބުކޮށް ފެށުން ރަނގަޅުކުރަން ބޭނުންވާކަމަށް އޭނާ ބުންޏެވެ. އުމުރުން 40 އަހަރުގެ ކޯޗް ބުނީ 2015ގެ އޭޝިއަން ކަޕަށް ފަހު ފަލަސްތީނުގެ ޓީމަށް ބޮޑެތި ބަދަލްތަކެއް އަތުވެއްޖެކަމަށާއި، އެ ބަދަލްތައް މާދަމާގެ މެޗުން ފެންނާނެކަމަށެވެ.
"ޓީމް ތައްޔާރަށް އޮތީ، ގަލޮޅު ދަނޑުގައި ކުޅެން ޖެހުނީމަ ހުރިހާ ކުޅުންތެރިންވެސް އުފާވެފައިތިބީ. ދިވެހިންނަކީ އަހަރެމެންނާއި ގާތް ބައެއް."
ފަލަސްތީން ޓީމުންވަނީ މާދަމާގެ މެޗަށް ތައްޔާރުވުމުގެ ކުރިން ގަތަރުގައި ތަމްރީން ކޭމްޕެއް ފުރިހަމަކޮށްފައެވެ. އަދި މި ކޭމްޕްގައި ޔަމާނާއި ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެ އެކެއް ސުމަކުން އެ މެޗް ފަލަސްތީންވަނީ ކާމިޔާބުކޮށްފައެވެ.