ސަރުކާރުން އެކުލަވާލައްވާފައިވާ ދީނީ މެނިފެންސްޓޯގައިވާ ގިނަ ލަނޑުދަނޑިތައް ހާޞިލްކުރެވި، ދީނީ ސިޔާސަތުތަކުގައި ފުރިހަމަ ކާމިޔާބީއަކާއި ހަމައަށް އާދެވިފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އިފްތިތާޙް ކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރުއްވައި ދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްއެވެ.
އިސްލާމްދީނުގެ ޝިޔާރު ފާޅުކުރުމާއި، ދީނީ މަޢުލޫމާތު ފެތުރުމުގައި ފަސޭހަ ގޮތްތަކެއް ރާއްވަވައި ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަން ދަމަހައްޓައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން މުހިއްމު ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. މި މަސައްކަތުގެ ދަށުން މިދިޔަ އަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން އެ މިނިސްޓްރީން ފާހަގަކުރައްވައެވެ.
އެގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް އުފެއްދެވުމާއި، މުސްޙަފް މާލްދީފް ރައްޔިތުންނަށް ބައްސަވަން ފެށްޓެވުމާއި، ދީނީ ޓީވީ ޗެނަލް އިފްތިތާހް ކުރެއްވުމާއި، ރާއްޖެ އިސްލާމްވީ ދުވަސް ކުލަގަދަގޮތެއްގައި ފުރަތަމަ ފަހަރަށް ފާހަގަކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން ސިވިލް ސަރވިސްގެ އެންމެ މަތީ މުސާރަ ދެއްވާ ބޭފުޅުންގެ ގޮތުގައި 3 ވާއިޡުން އައްޔަން ކުރެއްވުން އިސްލާމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ. img:http://s3.psmnews.mv/images/660x400/14905232501515.jpg|އިސްލާމިކް މިނިސްޓްރީގެ 2016 ގެ އަހަރީ ރިޕޯޓު އިފްތިތާޙް ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް
މިސްކިތްތަކުގައި ދީނީ ނަސޭހަތް ދެއްވުމުގެ 433 ޕްރޮގްރާމް ހިންގަވައި، 35 ސްކޫލްތަކުގައި ދީނީ ޕްރޮގްރާމް ހިންގަވާ، ދީނީ ފެއަރ އެއްވެސް އެމިނިސްޓްރީން ވަނީ ހިންގަވާފައެވެ. މިދިޔަ އަހަރު ރާއްޖެއިން ބޭރުގެ 38 މީހަކު ރާއްޖޭގައި އަލަށް އިސްލާމްވެފައިވާކަންވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މިދިޔަ އަހަރު 6 ކުންފުންނަކަށް 2،000 މިހުން ހައްޖަށް ގެންދިއުމުގެ ހުއްދަދެއްވިއިރު، 4،360 މީހުން އުމްރާއަށް ގެންދެވުމަށް 22 ކުންފުންޏަކަށް މިނިސްޓްރީން ހުއްދަ ދެއްވާފައިވެއެވެ.
ފަގީރުންގެ ގޮތުގައި 2015 ވަނަ އަހަރު ރަޖިސްޓްރީން ކުރި މީހުންގެ ޢަދަދު 52،000 ހުން 12،000 އެއްހާ މީހުންނަށް ލިސްޓް ދަށްކުރައްވައި، ކުރިން ބަހަމުން އައި 400 ރުފިޔާގެ ބަދަލުގައި އެ ޢަދަދު 900 އަށް އިތުރުކޮށް މިދިޔަ އަހަރުވަނީ ބަހާފައެވެ. އަދި މުދަލު ޒަކާތްބެހުން މީރާއަށް ބަދަލުކުރައްވާފައިވެއެވެ. މީގެ އިތުރުންވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ކަންކަން ހަރުދަނާ ކުރެއްވުމުގެ އެތައް މަސައްކަތެއް މިނިސްޓްރީން ވަނީ ކުރައްވާފައެވެ. ވަގުފް ފަންޑުގެ ކުރިއެރުވުމާއި، ފަގުފް ބިލްޑިންގްވެސް މިދިޔަ އަހަރުވަނީ ހުޅުވާފައެވެ.
އިސްލާމިކް މިނިސްޓްރީގެ އަހަރީ ރިޕޯޓް ނެރުއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީކް އެފެއާޒް މިނިސްޓަރ އަހްމަދު ޒިޔާދު ވިދާޅުވީ، ސަރުކާރުގެ ދީނީ މެނިފެސްޓޯގައި ހިމެނޭ ކަންކަން ހާސިލްކުރެއްވުމަށް ސަރުކާރުން މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އަދި މިދިޔަ އަހަރު ކުރެއްވި މަސައްކަތްތައް ކާމިޔާބުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އިސްލާމިކް އެފެއާޒް މިނިސްޓަރ އަޙަމްދު ޒިޔާދުގެ ވާހަކަފުޅުގައި ކޮންމެ މުވައްޒަފަކުވެސް މަސައްކަތް ކުރައްވާއިރު، ދައުލަތުގެ ސިއްރުތައް ހިފެހެއްޓުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ދީނީ ގޮތުންވެސް އެއީ ކިހާ މުހިއްމުކަމެއްކަން ފާހަގަކުރައްވައި، ތެދުވެރިކަމާއި، އިހްލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް ސަރުކާރު މުވައްޒަފުންނަށް އިލްތިމާސް ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމުވަނީ، އިސްލާމިކް މިސްޓްރީން ކުރައްވާ މުހިއްމު މަސައްކަތްތައް ފާހަގަކުރައްވައި އެ މިނިސްޓްރީގެ ސިވިލް ސަރވަންޓުންނަށް ހިތްވަރުދެއްވާފައެވެ. އެގޮތުން، ސިވިލް ސަރވަންޓުންގެ ހައްޤުގައި ކޮމިޝަނުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ހިއްޞާ ކުރެއްވިއެވެ. މިދިޔަ އަހަރަކޭ އެއްގޮތަށް މި އަހަރުވެސް މުހިއްމު މަސައްކަތްތަކެއް ރާއްވަވައި ހިންގަވަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.