ކުޅިވަރު

މެސީގެ ލަނޑުން މޮޅުވެ އާޖެންޓީނާ ތިންވަނައަށް


މެސީގެ ހަމައެކަނި ލަނޑުން ޗިލީ ބަލިކޮށް އާޖެންޓީނާ ދެކުނު އެމެރިކާ ސަރަހައްދުގެ ތިންވަނައަށް ޖެހިލައިފިއެވެ. 

ރޭ ޗިލީއާ ދެކޮޅަށް ކުޅުނު މެޗް އާޖެންޓީނާ ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. މެޗްގެ ހަމައެކަނި ލަނޑު މެސީ ކާމިޔާބުކުރީ މެޗުގެ ވަރަށް ކުރީކޮޅު ލިބުނު ޕެނަލްޓީއަކުންނެވެ. އޭރިއާގެ ތެރެއިން ޑިމާރިއާއަށް ޗިލީ ކުޅުންތެރިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ މެސީ ފޮނުވާލީ ގޯލްގެ މަތީ ކަނަށެވެ.

 ފުރަތަމަ ހާފްގައި ދެޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ޗިލީގެ ސަންޗޭޒްއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

 ޗިލީއާ ދެކޮޅަށް ރޭ މެސީ ޖެހި ޕެނަލްޓީ އިން އާޖެންޓީނާ މޮޅުވިއިރު 2016ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލްގައި މެސީ ޗިލީއާ ދެކޮޅަށް ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. އަދި އެމެޗަށްފަހު ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން މެސީ ނިންމިއެވެ. ގިނަ ބަޔަކު ޤަބޫލް ކުރާ ގޮތުގައި ރޭ މެސީ ކާމިޔާބުކުރި ޕެނަލްޓީއަކީ އެކަމުގެ ބަދަލު ހިފުމެކެވެ. ރޭގެ މޮޅާއެކު އާޖެންޓީނާ 22 ޕޮއިންޓާއެކު ތިންވަނައަށް ޖެހިލިއިރު 20 ޕޮއިންޓާއެކު ޗިލީ އޮތީ ފަސްވަނައިގައެވެ. 

ސައުތު އެމެރިކާ ސަރަހައްދުގެ ހަތަރުވަނައިގައި މިހާރު އޮތީ ރޭ ބޮލީވިއާގެ މައްޗަށް ކުރި ހޯދި ކޮލަމްބިއާއެވެ. މިމެޗްގެ ހަމައެކަނި ލަނޑު ކޮލަމްބިއާއަށް ކާމިޔާބުކޮށްދިނީ ހަމޭޒް ރޮޑްރިގޭޒްއެވެ. މި ގްރޫޕްގެ އެއްވަނައިގައި އޮތީ ރޭ އުރުގުއޭ މައްޗަށް ކުރި ހޯދި ބްރެޒިލްއެވެ. 

އުރުގުއޭގެ މައްޗަށް އާޖެންޓީނާ ކުރިހޯދީ ހަތަރު ލަނޑު އެއްލަނޑުންނެވެ. ކަވާނީގެ ލަނޑުން އުރުގުއޭ ލީޑު ކުރަމުންދަނިކޮށް މެޗްގައި ބްރެޒިލްއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޕައުލީނިއޯ އަދި ނޭމާއެވެ. ޕައުލީނިއޯ ވަނީ މެޗްގައި ތިންލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ.