ސިއްހަތު

169 މީހަކު މިހާތަނަށް އެޗްވަން އެންވަންއަށް ޕޮޒިޓިވް ވެފައިވޭ


މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ހެދި ޓެސްޓްތަކުން 169 މީހުން އެޗްވަން އެންވަންއަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކުރައްވައިފިއެވެ. އެޗްޕީއޭއިން ވިދާޅުވީ މިހާތަނަށް 460 މީހުންގެ އެޗްވަން އެންވަންއަށް ޓެސްޓްކޮށްފައިވާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ނެރުއްވި ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ 21 ވަނަ ދުވަހު ރޯގާޖެހިގެން 1،337 މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ. މީގެތެރެއިން 33 މީހަކު އެޑްމިޓްކޮށްގެން ގެންދަނީ ފަރުވާދެމުންނެވެ.

އެޗްޕީއޭއިން ނެރުއްވާފައިވާ، މިމަހުގެ 21 ވަނަ ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އަރިދަފުސް ރޯގާޖެހިގެން އަތޮޅުތަކުން ޖުމްލަ 867 މީހުން ޑޮކްޓަރައް ދައްކާފައިވެއެވެ. އަދި މާލެއިން އެކަނި 470 މީހުން އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވެއެވެ. މާލެ ސަރަޙައްދުން ރޯގާ ޖެހިގެން އެންމެ ގިނަ ޢަދަދަކަށް މީހުން ޑޮކްޓަރަށް ދައްކާފައިވަނީ އައިޖީއެމްއެޗަށެވެ. އެއީ 272 މީހުންނެވެ. އޭޑީކޭއަށް 104 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު، ހުޅުމާލެ ހޮސްޕިޓަލަށް 30 މީހުން، ވިލިމާލެ ހޮސްޕިޓަލަށް 36 މީހުން އަދި ސެނަހިޔާއަށް 28 މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ.

ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން އިންފުލުއެންޒާ އެޗްވަންއެންވަންއަށް ޝައްކުވެގެން 33 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަތޮޅުތަކަށް ބަލާއިރު، އަރިދަފުސް ރޯގާއާ ގުޅިގެން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައިވަނީ ރ.އަތޮޅުންނެވެ. އެ އަތޮޅުން 89 މީހުން ފަރުވާ ހޯދާފައިވެއެވެ. ދެވަނައަށް އެންމެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާ ލ.އަތޮޅުން 81 މީހުން ޑޮކްޓަރަށް ދައްކާފާއިވެއެވެ. ދެން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައިވަނީ ހދ.އަތޮޅުންނެވެ. މި އަތޮޅުން 72 މީހުން ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދާފައިވެއެވެ.

އިންފުލުއެންޒާ އެޗްވަންއެންވަންއަށް ޝައްކުކުރެވިގެން މިހާތަނަށް 460 މީހަކު ޓެސްޓް ކޮށްފައިވާއިރު، މީގެތެރެއިން މިބައްޔަށް ޕޮޒިޓިވްވެފައިވަނީ 169 މީހުން ކަމަށް އެޗްޕީއޭއިން އެންމެ ފަހުން ޢާއްމު ކުރި ތަފާސްހިސާބު ތަކުން ދައްކައެވެ. ހުމުގެ ރޯގާގެ ސަބަބުން އެޗްވަންއެންވަންއަށް ޕޮޒިޓިވް ވެގެން 3 މީހަކު ވަނީ މިހާތަނަށް މަރުވެފައެވެ.

މިވައިރަސްއަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެއްކަމުން، މިދުވަސްވަރު ޢާއްމު ތަންތަނަށް އެއްވެ ނޫޅުމަށާއި، ބަލި މީހުންނާއި ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި މި ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ސާފްތާހިރުކަމަށް އިސްކަންދިނުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.