ސިއްހަތު

އާއްމު ސާފުތާހިރުކަމަށް އެންމެހާ ފަރުދުން ވިސްނުން ބަހައްޓަންޖެހޭ


މި ދުވަސްވަރު ފެތުރެމުންދާ ހުމުގެ ރޯގާއިން ސަލާމަތްވެ ރައްކާތެރިވުމަށް އާއްމުން ސަމާލުކަންދޭންޖެހޭ ކަންކަން ބަޔާންކުރައްވާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދަނީ އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީޑިއާގެ ވަސީލަތްތަކުގެ އިތުރުން ސޯޝަލްމީޑިއާ މެދުވެރިކޮށް، ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ. މިގޮތުން ހުމުގެ ރޯގާއިން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށްޓަކައި އާއްމު ތަންތާގައި ގިނަ ވަގުތު ނޫޅުމަށާއި އާއްމު ތަންތާގައި އުޅޭއިރު ކެއްސާ ކިނބިހި އެޅުމުގައި އަނގަމަތި ނިވާކުރުމަށްވެސް އިލްތިމާސް ކޮށްފައިވެއެވެ. އަދި ގިނަގިނައިން އަތްދޮވުމަށާއި އާންމު ދިރިއުޅުމުގައިވެސް ސާފުތާހިރު ކަމަށް އިސްކަންދެއްވުމަށް ފަންނީ މާހިރުން ލަފާ ދެއްވައެވެ. img:http://s2.psmnews.mv/images/660x400/14898203374607.jpg|މަގުމައްޗަށް މޫނުމަތީ އަޅާ މާސްކެއް އެއްލާލާފައި - ފޮޓޯ: ޕީއެސްއެމް

ހުމުގެ ރޯގާއިން ސަލާމަތްވުމަށް ގިނަ ޢަދަދެއްގެ އާއްމުން ދަނީ މާސްކު ބޭނުން ކުރަމުންނެވެ. މިފަދަ މާސްކު އަޅައިގެން ބޭރުގައި އުޅޭ މީހުންގެ ޢަދަދު އިތުރުވަމުންދާއިރު، ބޭނުންކޮށްފައިވާ މާސްކު ފަދަ ތަކެތި މަގުތަކު މައްޗަށް އުކާލާފައިވާ މަންޒަރު ފެންނަނީ މަދަކުން ނޫނެވެ. މަގުމަތީގެ ސާފުތާހިރުކަމަށް ފަރުދީ ފެންވަރެއްގައި މަސައްކަތް ކުރުމަކީ ކޮންމެ ފަރުދަކުވެސް ވިސްނަންވެއްޖެ ކަމެކެވެ. މިގޮތުން މަގުތަކު މައްޗަށް ކުޅު ޖެހުމާއި އަރިދަފުސް ފޮޅުމުގެ އިތުރުން ބޭނުންކޮށްފައިވާ މާސްކު ފަދަ ތަކެތި މަގުތަކު މައްޗަށް އުކުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. މިފަދަ ކަންކަމަކީ ބަލިމަޑުކަމަކަށް މަގުފަހިވެދާނެ ނުރަނގަޅު އާދަތަކެއްކަން ފަރުދީ ފެންވަރުގައި ދަނެ، މިފަދަ ކަންކަމުން ދުރުހެލިވުމަކީ ފަރުދީ ފެންވަރެއްގައި ކުރެވިދާނެ ކަމެކެވެ. img:http://s1.psmnews.mv/images/660x400/14898203512197.jpg|މަގުމައްޗަށް މާސްކުތަކެއް އެއްލާލާފައި - ފޮޓޯ: ޕީއެސްއެމް  

މާލޭގެ މަގުތަކަކީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ހިނގާބިނގާވާ ތަނެކެވެ. މަގުތަކުގެ ސާފުތާހިރުކަމަށް ސަރުކާރުން ދެއްވާ އިސްކަމާއެކު މާލޭގެ މަގުތައް ހިތްފަސޭހަ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށްވެސް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން މަގުތައް ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ދުވަހުން ދުވަހަށް ކުނިކެހުމާއި، މަގުމައްޗަށް އުކާލެވޭ ކުނިބުންޏާއި ދުވާރުމަތީގައްޔާއި މަގުތަކުގައި ގަވާއިދާ ޙިލާފަށް ބެހެއްޓޭ ތަކެތި ނެގުމުގެ އިތުރުންވެސް މަގުތަކުގެ ރައްކާތެރިކަމާއި ސާފުތާހިރުކަމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ.