ޅ.ހިންނަވަރުގައި އެމް.ޑީ.ޕީގައި އިސްކޮށް އުޅުނު ބައެއް މެމްބަރުން އެޕާޓީ ދޫކޮށް ޕީ.ޕީ.އެމަށް މިއަދު ސޮއިކޮށްފިއެވެ.
އެމް.ޑީ.ޕީގައި އިސްކޮށް އުޅުނު ބައެއް މެންބަރުންގެ އިތުރުން، ހިންނަވަރުގެ ގިނަ އަދަދެއްގެ މީހުންވެސް ޕީ.ޕީ.އެމަށް ސޮއިކޮށްފައިވެއެވެ. ހިންވަރުން ޕީޕީއެމްއާއި އަލަށް ގުޅުނު މީހުންގެ ފޯމްތައް ޕީޕިއެމްއާއި ހަވާލުކުރުމަށް ރައީސް ޔާމީން ކެމްޕޭން އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފޯމްތަކާއި ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ.
މިރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ހިންނަވަރުގެ ގިނަ އަދަދެއްގެ ރައްޔިތުން ޕީ.ޕީ.އެމާ ގުޅެމުންދަނީ އެހެން އެއްވެސް ސަރުކާރެއްގައި ކުރިއަށް ނުދާވަރުގެ މަޝްރޫޢުތަކެއް ހިންނަވަރުގައި ކުރިއަށްދާތީ ކަމަށެވެ.
" އެހެން އެއްވެސް ސަރުކާރެއްގައި ކުރިއަށް ނުގެންދާ އެތައް މަޝްރޫޢެއް މިވަގުތުވެސް ހިންނަވަރުގައި ކުރިއަށްދޭ. ސިއްޙީ މަރުކަޒުގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ. އަދި ވިނަ ހެދި ޖަންގައްޔެއްގެ ގޮތުގައި އޮތް ޒުވާނުންގެ މަރުކަޒުވެސް ކުރިއަށް އެދަނީ. ސަތޭކަ ހައުސިން ޔުނިޓް ހެދުމަށްވެސް އެވަނީ ބަޖެޓް ކުރެވިފަ. " އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.
ޕީ.ޕީ.އެމަށް މެންބަރު އިތުރު ކުރުމަށް ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އިސްނަންގައިވައިގެން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ޕާޓީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ސަތޭކަ ހާސް މެންބަރު ހަމަކުރުމެވެ. އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާ ފޯމުތައް ހިމަނައިގެން އެ ޕާޓީގައި މިހާރުވެސް ހަތްދިހަ ހާސް މެންބަރުން ތިބޭނެކަމަށް ޕީޕީއެމުންބުނެއެވެ.