ރިޕޯޓް

މާލޭގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރަން ބޮޑުހޭދައެއް ކުރޭ!


މާލޭގެ ކަރަންޓުގެ ޚިދުމަތުގެ ސަލާމަތީކަންކަން ރަގަޅުކުރުމަށް ކުރައްވާ މަސައްކަތްތަކުގެދަށުން ޑިސްޓްރިބިއުޝަން މަސައްކަތަށް އެކަނިވެސް އަހަރެއްގެ މައްޗަށް ފަސްދޮޅަސް މިލިއަނެއްހައި ރުފިޔާ ސަރުކާރުން ހޭދަކުރައްވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. 

މާލޭގެ ކަރަންޓްގެ ނިޒާމު އަޕްގްރޭޑްކޮށް ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް ސްޓްލެކޯ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

މާލެއަށް ކަރަންޓްގެ ޚިދުމަތް ދެމުންދާ ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓްލެކޯ) އިން މާލެއަށް ކަރަންޓު ދިނުމުގެ ކެޕޭސިޓީއަކީ ފަސްދޮޅަސް މެގަވޮޓެވެ. ހޫނުގަދަ ދުވަސްވަރު ސްޓެލްކޯ އިން އުފައްދާ ކަރަންޓްގެ ފަންސާސް ފަހެއް އިންސައްތައާ ހަމައަށް މާލޭގައި ކަރަންޓް ބޭނުންކުރަމުންދެއެވެ. 

ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅެމުންދާ ދެލައްކައެއްހައި މީހުންގެ އާބާދީއަށް ދެމެހެއްޓެނިވިގޮތެއްގައި ކަރަންޓް ދިނުމަށް ކަރަންޓް ނެޓްވޯކް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ. އަދި މިކަމަށްޓަކައި ބޮޑެތި ހޭދަތަކެއްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. ކަރަންޓުގެ ސެކިއުރިޓީ ރަގަޅުކުރުމަށް ހަމައެކަނި ޑިސްޓްރިބިއުޝަންގެ މަސައްކަތްތަކަށް ވެސް އަހަރެއްގެ މައްޗަށް ގާތްގަނޑަށް ފަސްދޮޅަށް މިލިއަނެއްހާ ރުފިޔާ ޚަރަދުކުރެވޭކަމަށް ސްޓެލްކޯ އިން މަޢުލޫމާތުދެއެވެ. 

ކަރަންޓުގެ ޚިދުމަތަށް ބުރޫނާރާގޮތަށް، ދެމެހެއްޓެނިވިގޮތެއްގައި ޚިދުމަތް ދިނުމަށް ބޮޑެތި މަސައްކަތްތަކެއް ސްޓެލްކޯ އިން އަންނަނީ ކުރަމުންނެވެ. ސަރުކާރުގެ ވިސްނުންފުޅަކީ މާލެއަށް ކަރަންޓް ފޯރުކޮށްދިނުމުގައި އެއް ސްޓޭޝަނުން ކަރަންޓު ފޯރުކޮށްދިނުމުގެ ބަދަލުގައި، ހުޅުމާލޭގައި ކުރިއަށްދާ 50 މެގަވޮޓް ގެ މަޝްރޫޢާއެކު މާލެއާއި ހުޅުމާލެ ގުޅާލައި ކަރަންޓް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.

ސްޓެލްކޯގެ ޑިރެކްޓަރ އިބްރާހީމް ރަޢޫފް ވިދާޅުވީ ހުޅުމާލޭގައި ޤާއިމުކުރާ ފިފްތް ޕަވަރ ޕްރޮޖެކްޓާއެކު މާލެއަށް ކަރަންޓު ދިނުމުގެ ބެކަޕް ޕްލޭނެއްގެ ގޮތުގައި އެނިޒާމު ބޭނުންކުރެވޭނެކަމަށެވެ.

 "މިއާއެކު މާލެއާއި ހުޅުމާލެ ގުޅާލެވޭނެ. މާލޭގެ ކަރަންޓަށް މައްސަލައެއް ދިމާވާ ހާލަތުގައި ހުޅުމާލެއިން ކަރަންޓު ފޯރުކޮށްދެވޭނެ. އަދި ހަމަ މިގޮތަށް ހުޅުމާލޭގެ ކަރަންޓުގެ މައްސަލަވެސް މާލެއިން ފޯރުކޮށްދީ މައްސަލަ ހައްލުވެގެންދާނެ." ރައޫފު ވިދާޅުވިއެވެ. 

މީގެ އިތުރަށްވެސް ކަރަންޓުގެ ޚިދުމަތްދޭ ސިސްޓަމްތަކުގެ ސަލާމާތީ ކަންކަންހުރި މިންވަރު ބެލުމަށް ސިސްޓަމް ރިވިއު ކުރަމުންދާކަމަށް ރައޫފް ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި މާލޭގެ އެކި ސަރަޙައްދުތަކުގައި ޓްރާންސްފޯމަރު ބެހެއްޓުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

އަންނަ އެޕްރީލް މަހާއި މެއި މަހަކީ އާއްމުކޮށް ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރުކަމަށްވުމުން، ކަރަންޓް ބޭނުންކުރާ ނިސްބަތް މައްޗަށް ދާ ދުވަސްވަރަކަށް ވާތީ އެކަމަށްވެސް ސްޓެލްކޯ އިން އަންނަނީ ތައްޔާރުވަމުންނެވެ. 

އެގޮތުން ހައި ވޯލްޓޭޖް ކޭބަލް ވަޅުލުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ވަނީ ފަށާފައެވެ. ސްޓްލްކޯގެ އަމާޒަކީ ދެހާސްނަވާރަ ވަނަ އަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ޤާއިމުކުރާ 50 މެގަވޮޓްގެ ޕަވަރ ޕްލާންޓާއެކު މާލެ ސަރަޙައްދުގެ ކަރަންޓުގެ ވިއުގައަށް ހަރުދަނާ ބޮޑު ބަދަލެއް ގެނައުމެވެ.