ކުޅިވަރު

ޓީސީން ރައީސުލްޖުމްހޫރިއްޔާއަށްވެސް ހަދިޔާއެއް ދެއްވައިފި


ޓީސީން މި ހޯދައިދިނީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީންވެސް ހިތްހަމަޖެހިވަޑައިގަންނަވާނެ ކާމިޔާބީއެއްކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުގައި ދިވެހި ކްލަބަކުން ހޯދި ފުރަތަމަ ތައްޓާއެކު ޓީސީ ސްޕޯރޓްސް ކްލަބް މާލެ އައުމުން، އެޓީމަށް މަރުހަބާ ދެންނެވުމަށް ވަޑައިގެން ޝައިނީ ވިދާޅުވީ ޓީސީގެ ކުޅުންތެރިންނާ މުޚާތަބުކުރައްވާ ސިލްވަރ ނުވަތަ ގޯލްޑް މެޑަލް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެެދިވަޑައިގަންނަވާފައިވާކަމަށެވެ. އަދި ބްރައުންޒް މެޑަލްއަކީ ރައީސް ބަަލައިގަންނަވާ ކާމިޔާބީއެއް ނޫންކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅު ޓީސީން ވަރަށް ސީރިއަސްކޮށް ނަންގަވައި، ޗެލެންޖް ނަންގަވައިފިކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކާމިޔާބީ ހޯއްދެވުމަށް ރައީސް ޓީސީއަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާފައިވާކަމަށެވެ. އަދި އެހެން ކްލަބްތަކަށްވެސް ރައީސް ހިތްވަރުދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓީސީން މި ހޯއްދަވައިދެއްވި ކާމިޔާބީގެ ސަބަބުން މުޅި ޤައުމު ފަޚްރުވެރިވާކަމަށާއި، މިއީ ޤައުމީ ކަމެއްކަމަށްވެސް ޑރ.ޝައިނީ ވިދާޅުވިއެވެ. 

" ޓީސީގެ މިކާމިޔާބީއަކީ ޤައުމަށްޓަކައި އެބޭފުޅުން ހޯއްދަވައިދެއްވި ކާމިޔާބީއެއް. އަޅުގަނޑު ދެކެނީ މިއީ ޤައުމީ ކާމިޔާބީއެއްގެ ގޮތުގައި. ރައީސް ޓީސީއަށް ވަރަށް ހިތްވަރުދެއްވާ. ގޯލްޑް މެޑަލް ހޯދަން ހިތްވަރުދެއްވި. " ޤައުމީ ޖަރޒީގައި ހުންނަވާ މިނިސްޓަރ ވިދާޅުވިއެވެ. 

ޓީސީން މިހޯދި ކާމިޔާބީއަށް މުޅި ފުޓްބޯޅަ އާއިލާއިންވެސް އަންނަނީ މަރުހަބާ ކިޔަމުންނެވެ. ބަނގްލަދޭޝްގައި އޮތް މުބާރާތުގައި 8 ޓީމް ވާދަކުރިއެވެ.