ޚަބަރު

ފޭދޫ ހިއްކި ބިމުގެ ލޭންޑް ޔޫސް ޕްލޭން ނިމިއްޖެ


އައްޑޫސިޓީ ފޭދޫގެ ބިމުގެ ފަންސާސް ހެކްޓަރުގެ ސަރަޙައްދެއް ހިއްކާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ފޭދޫގައި ހިއްކާފައިވާ ފަންސާސް ހެކްޓަރުގެ ބިމުގެ ވަށައިގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ސަރުކާރުން ނިންމަވާލައްވާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އަދި ހިއްކި ސަރަޙައްދުގެ ލޭންޑު ޔޫސް ޕްލޭންވެސް މިހާރު ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. 

ހައުސިންގ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް ޢަބްދުﷲ ޒިޔާދު ވިދާޅުވީ، މި ސަރަޙައްދުގައި ހިންގެވުމަށް ހަމަޖެހިފައިވާ މަޝްރޫޢޫތައް ވަރަށް އަވަހަށް ޢިޢުލާންކުރައްވާނެކަމަށެވެ. މި ސަރަޙައްދުގައި ހިންގެވުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި، ގެސްޓްހައުސް މަޝްރޫޢު އާއި އިންޑަސްޓްރިއަލް މަސައްކަތްތައް ފަދަ ކަންތައްތައް ހިމެނެއެވެ.

"މިހާރު ލޭންޑުޔޫސް ޕްލޭން އެވަނީ ނިންމާލާފައި. އެންމެ ފުރަތަމަ އަޅުގަނޑުމެން އެސަރަޙައްދުން މި ހުޅުވާލަނީ އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި، ޝޮޕްތަކަށް. ރައްޔިތުންނަށް އެންމެ ފައިދާވާ މަސައްކަތް ވީހާވެސް އަވަހަށް ފެށޭނެގޮތަށް މި ޕްލޭންކުރަނީ" ހައުސިންގ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް ޢަބްދުﷲ ޒިޔާދު ވިދާޅުވިއެވެ.

ފޭދޫ ހިއްކި ބިމުގައި މަޝްރޫޢުތައް ތަރައްޤީކުރައްވާނީ ރައްޔިތުން ބޭނުންވާ ފަދަ ގޮތްތަކަށް ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ފޭދޫ ހިއްކި ސަރަޙައްދުގެ މަގުތައް ހެދުމަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓުގައި ހަމަޖެހިފައިވާކަމަށެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި މަގުތައް ހެދުމުގެ މަސައްކަތް ކުރައްވާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.