ތަރައްްޤީ

"ޕިއާނޯ ރައުންޑުގެ ދެވަނަ ޝޯވ މިރޭ"


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގައި ވާދަކުރާ ބައިވެރިންގެ ވާދަވެރިކަން، ޝޯވއަކަށްފަހު ޝޯވއެއްގައި އިތުރުވަމުން އަންނައިރު، މިފަހަރުގެ ސީޒަންގެ ގާލާ ރައުންޑަށް ދަތުރު ކުރާ ގަދަ 12 ބައިވެރިންގެ ތެރެއިން ފުރަތަމަ 6 ބައިވެރިން މިހާރު މިވަނީ ޔަޤީންވެފައެވެ.

ޕިއާނޯ ރައުންޑުގެ ފުރަތަމަ 8 ބައިވެރިންނާއެކު މިދިޔަ ހަފްތާގައި ބޭއްވި ޝޯވގެ އެލިމިނޭޝަން ނައިޓުން ޝަނީޒާ ޝަރީފާއި އަޙްމަދު ސައްޔާޙު ގާލާ ރައުންޑަށް ނުދެވި، މި މުބާރާތުން ވަނީ ވަކިވެފައެވެ.

img:http://s3.psmnews.mv/images/660x400/14874456289842.jpg|ޕިއާނޯ ރައުންޑުގެ ފުރަތަމަ ޝޯވ އިން ވަކިވި ޝަނީޒާ އަދި ސައްޔާޙު- ފޮޓޯ: ޕީއެސްއެމް

ހަފްތާ ބަންދާ ދިމާކޮށް، ޝަޢުގުވެރިކަމާއެކު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ޝޯވކަމުގައިވާ މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގެ ޕިއާނޯ ރައުންޑުގައި ވާދަކުރާ 16 ބައިވެރިންގެ ތެރެއިން ބާކީ ތިބި 8 ބައިވެރިންގެ ޕަރފޯމެންސްތައް މިރޭގެ ޝޯވގައި ފެނިގެންދާއިރު، މި ބައިވެރިންގެ ފަރާތުން ފޯރިގަދަ ތަފާތު ހުށައެޅުންތަކެއް ފެނިގެންދާނެއެވެ. މިދިޔަ ހަފްތާގެ ޝޯވއެކޭ އެއްގޮތަށް މިރޭގެ ޝޯވގައިވެސް ބައިވެރިންގެ ހުށަހެޅުންތަކަށް ބެލުންތެރިންގެ ފަރާތުން ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ޝޯވދައްކާ ވަގުތުން ފެށިގެން މާދަމާގެ މެންދުރުފަހު 3 ޖެހުމާއި ހަމައަށް ހުޅުވާލެވޭނެއެވެ.

މިރޭގެ ޝޯވގައި ވާދަކުރާ 8 ބައިވެރިންގެ ތެރެއިން، ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރާނީ MI ޖެހުމަށްފަހު، ހުސްތަންކޮޅެއް ދޫކޮށްފައި، އެ ބައިވެރިއެއްގެ ނަން ޖެހުމަށްފަހު 303 އެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖުކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސް އެވެ. 

img:http://s3.psmnews.mv/images/660x400/14874455844300.jpg|ޕިއާނޯ ރައުންޑުގެ ފުރަތަމަ ޝޯވގެ ބައިވެރިން- ފޮޓޯ: ޕީއެސްއެމް

ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓާއެކު، އައިޑަލްގެ ދެން އޮތް ބުރަށް ދަތުރުކުރާ ބައިވެރިން އިޢުލާން ކުރުން އޮންނާނީ މާދަމާރޭ އޮންނަ އެލިމިނޭޝަން ނައިޓުގައެވެ. އަދި މާދަމާ ރޭގެ އެލިމިނޭޝަން ނައިޓާއެކު، މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގާލާ ރައުންޑަށް ދަތުރުކުރާ ގަދަ 12 ބައިވެރިން ކަށަވަރުވާނެއެވެ. މޯލްޑިވިއަން އައިޑަލްގެ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެ. އެގޮތުން އައިޑަލްގެ ބައިވެރިންނަށް ސަޕޯޓުކޮށް، އެ ބައިވެރިން ޕްރޮމޯޓްކުރުމަށްޓަކާ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ފަރާތްތަކުން އަންނަނީ ކެމްޕޭންތައް ކުރަމުންނެވެ.