މިމަހުގެ 25 ވަނަ ދުވަހު ނިއުރޭޑިއަންޓާ ވެލެންސިޔާ ވާދަކުރަން އޮތް މެޗު އެފްއޭއެމްއިން ފަސްކުރުމުން ނިއުރޭޑިއަންޓްގެ މެޗަކަށް ކުރަން ޖެހޭ އިންތިޒާރު ދިގުވެއްޖެއެވެ.
މިއަހަރުގެ ސީޒަނަށް ބޮޑު ހޭދައެއްކޮށް ސްކޮޑް ވަރުގަދަކޮށްފައިވާ ނިއުރޭޑިއަންޓަށް މިސީޒަންގައި އެންމެ އަވަހަށް އޮތީ މާލޭލީގުގެ ތިންވަނަ މެޗުގައި މިމަހުގެ 25 ވަނަ ދުވަހު ހަވީރު ކްލަބް ވެލެންސިޔާއާ ވާދަކުރަން ޖެހޭ މެޗެވެ. ނަމަވެސް އޭއެފްސީކަޕް ޕްލޭއޯފްގެ ދެވަނަ ލެގުގައި މިމަހުގެ 28 ވަނަ ދުވަހު މޯހާން ބަގާންއާ ވާދަކުރަން ޖެހޭ މެޗަށް އިންޑިއާއަށް ދިއުމަށް ޓިކެޓް ލިބުމުގައި ދިމާވި ދަތިކަމެއްގެ ސަބަބުން ވެލެންސިޔާ 24 ވަނަ ދުވަހު ފުރާތީ މެޗު ފަސްކުރީކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވައެވެ. އެެމެޗު ކުޅޭނެ ތާރީޚެއް ފަހު އިއުލާންކުރާނެކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވައެވެ.
މިބަދަލާއެކު ނިއުރޭޑިއަންޓް އާސީޒަންގެ ފުރަތަމަ މެޗަކަށް ވުން ގާތީ އަންނަ މަހުގެ 3 ވަނަ ދުވަހުގެރޭ ވާދަވެރި ވިކްޓްރީއާ ވާދަކުރާ މެޗެވެ. ވިކްޓްރީގެ ކޯޗަކަށް އަލީ ސުޒޭން ހަމަޖައްސާފައިވުމުން އެމެޗުގެ ފޯރި އިތުރަށް ގަދަވުމުގެ ފުރުޞަތު ބޮޑެވެ. އެމެޗުގެ ކުރިން ވިކްޓްރީ އަންނަ ހޮނިހިރު ދުވަހުގެރޭ ގްރީން ސްޓްރީޓާ ދެކޮޅަށް ނިކުންނާނެއެވެ.
މާލޭ ލީގުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ހަވީރު މާޒިޔާ ނިކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.