ޚަބަރު

ދިއްފުށީ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި


އަލިފުޅުތުއްތު ފައުންޑޭޝަނާއި މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާރ ގުޅިގެން ކ.ދިއްފުށީގައި ޤާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އަލިފުޅުތުއްތު ފައުންޑޭޝަނާއި މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާރ ގުޅިގެން ދިއްފުށީގައި ޤާއިމްކުރާ ފެނާއި ނަރުދަމާގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. 

ދިއްފުށީގައި ޤާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމަކީ އެންމެ ޒަމާނީ ފެންވަރަށް ޤާއިމްކުރާ ނަރުދަމާ ނިޒާމެއްކަމަށް އަލިފުޅުތުއްތު ފައުންޑޭޝަނުން ބުނެއެވެ. ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ދިއްފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އަލިފުޅުތުއްތު ފައުންޑޭޝަންގެ މެމްބަރ މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ، މިމަޝްރޫޢަކީ އެ ފައުންޑޭޝަނުން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢުކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާކަމަށް ޢަބްދުއްސައްތާރު ވިދާޅުވިއެވެ. މި މަޝްރޫޢަށް ފަސްދޮޅަސް މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަހަލަ ވަރަށް އަގުބޮޑު ޕްރޮޖެކްޓެއް އަޅުގަނޑުމެން އަލިފުޅު ތުއްތު ފައުންޑޭޝަނުން ކުރީގައިވެސް ވާނީ ހިންގާފައި. އެއީ ހއ. އަތޮޅުގައި. އެއީ ތިރީސް ނުވަ މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް. އެ ޕްރޮޖެކްޓްވެސް ހިންގީ ހަމަ އަލްޓެކް މޯލްޑިވްސްއިން. އެހެންވީމަ އެބޭފުޅުންނަށް މިއީ އާ ކަމަކަށް ނުވާނެ. އެހެންވީމާ ތިބޭފުޅުންނަށް މި ލިބުނީ ވަރަށްބޮޑު އެކްސްޕީރިއެންސްއަކާ އެކީ އައިސްފައި ތިބި ބައެއް" އަލިފުޅުތުއްތު ފައުންޑޭޝަންގެ މެމްބަރ މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ވާހަކަދައްކަމުން އަލްޓެކް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަސީމް ވިދާޅުވީ، މަސައްކަތް ފެށުމުގެ ކުރިން ސަރުކާރުން ހޯދަންޖެހޭ ހުރިހާ ހުއްދަތަކެއް މިހާރު ހޯދާފައިވާކަމަށެވެ. އަދި މަސައްކަތް ހިނގަމުންދާއިރު ދިމާވާ ދަތިތައް ޙައްލުކުރުމަށް އެކުންފުންޏާ މަޝްވަރާކުރުމަށް ނަޞީމް ވިދާޅުވިއެވެ.

"ފެން ފަށަލައިގެ ތިލަ ކަމާއެކު ހަފޫޓް ހަތްފޫޓަށް ހޮޅިވަޅުލުމަށް މަގުތައް ކޮންނަމުންދާއިރު ނުހަނު ހަނި މަގުތައް ހުރުމާއެކު ގެއެއް ވެއްޓުމަކީ، ނުވަތަ ގެއެއްގެ ފާރުވެއްޓުމަކީ، ނުވަތަ ފާރެއްގައި ރެނދެއްލުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެއް. މިކަހަލަ ހާދިސާއެއް ހިނގައިފިނަމަ ކައުންސިލާއި އަލްޓެކް މޯލްޑިވްސްއާއި އަދި އެހެންފަރާތްތަކާއި ގުޅިގެން ވީ އެންމެ ސުލްހަވެރިގޮތަކަށް އެކަން ހައްލުކުރުމަށް އަޅުގަނޑު ހަމަ އެޑްވާންސްކޮށް އެދެން" އިބްރާހީމް ނަޞީމް ވިދާޅުވިއެވެ. 

މި މަޝްރޫޢު އަލްޓެކް މޯލްޑިވްސްއާ ޙަވާލުކޮށްފައިވަނީ ދޮޅުއަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިއްފުށީ ކައުންސިލް ރައީސް އިބްރާހީމް އާނިސް ވަނީ އަލިފުޅުތުއްތު ފައުންޑޭޝަނާއި މީރުއައިލެންޑް ރިސޯޓްގެ ފަރާތުން ދިއްފުށްޓަށް ދޭ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.

"މި އެހީތެރިކަމުން އަޅުގަނޑަށް ސިފަވަނީ އަލިފުޅުތުއްތު ފައުންޑޭޝަނާއި މީރުއައިލެންޑް ރިސޯޓާ ދިއްފުށީ ރައްޔިތުންނާ އޮންނަ ގުޅުން ދުވަހަށް ދުވަހަށް ބަދަހިވަމުންދާކަމުގެ ކުލަރީތި މަންޒަރު. އަޅުގަނޑު އަބަދުވެސް ކުރާ އުންމީދެއްއެއީ ދިއްފުށީގެ ރައްޔިތުންނާއި މީރުއައިލެންޑް ރިސޯޓްގެ މުވައްޒަފުން އެއް ޢާއިލާއެއްގެ ގޮތުގައި މިރަށުގައި އުޅޭތަން ފެނުން. މީރުއައިލެންޑް ރިސޯޓަކީ އަޅުގަނޑުމެންނާ އެއްފަޅެއް ޙިއްޞާކުރާ ދިއްފުށްޓާ ނުހަނު ކަރިރީގައި އޮތް ރިސޯޓެއް. އަޅުގަނޑު އުންމީދުކުރަނީ މީރުގެ ފަތުރުވެރިކަމަށް ހީނަރުކަމެއް އަތުވެދާނެފަދަ އެއްވެސް އަމަލެއް ނުކުރުމަށް އަޅުގަނޑުމެން ކޮންމެ ރައްޔިތެއްގެ ހިތުގައި މިއަދު އަޒުމް ކަނޑައެޅުން." އިބްރާހީމް އާނިސް ވިދާޅުވިއެވެ.

ދިއްފުށީގައި ޤާއިމްކުރާ ނަރުދަމާ ނިޒާމްގެ ދަށުން 8.25 ކިލޯމީޓަރގެ ގްރެވިޓީ ސުވަރޭޖް ހޮޅި ވަޅުލާއިރު، 335 ހައުސް ކަނެކްޝަން ހިމެނެއެވެ. އަދި 254 މެއިން ހޯލްއާއި 687 މީޓަރގެ ސީއައުޓް ހޯލްއެއް ހިމެނެއެވެ. މީގެއިތުރުން ނަރުދަމާ ނިޒާމް ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ ސާމާނުވެސް ކޮންޓްރެކްޓަރ ފޯރުކޮށްދެންޖެހެެއެވެ. 

ފެނުގެ ނިޒާމްގެ ދަށުން 8.92 ކިލޯމީޓަރގެ ފެންހޮޅި ވަޅުލުމަށް ހަމަޖެހިފައިވާއިރު 335 ކަނެކްޝަން ހިމެނެއެވެ. އަދި 400 ޓަނުގެ ފެން ރައްކާކުރުމަށް ދެ ސްޓޯރޭޖް ޓޭންކް ބަހައްޓަންޖެހެއެވެ. މީގެއިތުރުން ދުވާލަކު 60 ޓަނުގެ ފެން އުފެއްދޭ އާރުއޯ ޕްލާންޓެއް ޓެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.