ސިއްހަތު

އާސަންދައިގެ އައު ޕޯޓަލް "ވިނަވި" އިފްތިތާޙްކުރައްވައިފި


ސަރުކާރުން ރައްޔިތުންނަށް ދެއްވާ ހިލޭ ބޭސްފަރުވާގެ ކަންކަން ހިންގާ އާސަންދަ ކުންފުނިން ސަރުކާރުގެ މި ނިޒާމްގައި ބައިވެރިވާ ޞިއްޙީ ޚިދުމަތްދޭ ހުރިހާ ފަރާތްތައް އެއް ވިއުގައަކުން ގުޅާލުމަށް ތަރައްޤީކޮށްފައިވާ އާސަންދަ ޕޯޓަލަށް ބަދަލުތައް ގެނެސް، "ވިނަވި"ގެ ނަމުގައި އައު ޕޯޓަލެއް އިފްތިތާޙްކުރައްވައިފިއެވެ. 

އދ އަތޮޅު ސިއްޙީ މަރުކަޒުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި މި ޕޯޓަލް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދު ﷲ ނާޒިމް އިބްރާހީމްއެވެ. 

ޕޯޓަލް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ހެޔޮބަދަލުތަކެއް އަންނަމުންދާކަމަށާއި އާސަންދައިގެ ވިނަވި ސޮފްޓްވެއަރ މެދުވެރިކޮށް، ރާއްޖޭގެ ޚިދުމަތްދޭ ތަންތަން ގުޅާލުމަކީ ސިއްޙީ ދާއިރާއަށް ލިބޭ ބޮޑުކުރިއެރުމެއްކަމަށެވެ.  

img:http://s3.psmnews.mv/images/660x400/14875109079009.jpg|ވިނަވި ޕޯޓަލް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

ރާއްޖޭގައި ބަލިމަޑުކަން ފެތުރޭގޮތްތައް ހޯއްދަވައި ބަލިމަޑުކަން ފެތުރުމުގެ ކުރިން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް މި ޕޯޓަލްގެ ސަބަބުން ސަރުކާރަށް ފަސޭހަވެގެންދާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަން އީ-ޕޯޓަލަކުން ގުޅާލެވުމުން ސަރުކާރުގެ ޚަރަދު ކުޑަވެ، ބަލިމީހުންގެ މަޢުލޫމާތު ދެނެގަތުމަށް ފަސޭހަވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އައު ޕޯޓަލްއެއް އިފްތިތާޙުކުރީ އާސަންދައިގެ ޚިދުމަތް ފުރިހަމަގޮތުގައި ރައްޔިތުންނަށް ދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ފުރަތަމަ ބޮޅުކަމުގައި އާސަންދަ ކުންފުނިން ބުނެއެވެ. މި ނިޒާމުގެ ތެރެއިން ޞިއްޙީ ޚިދުމަތްދޭ އެކިތަންތަން އެއް ވިއުގަޔަކުން ގުޅާލެވޭނެއެވެ. މި ޕޯޓަލްގެ ޚިދުމަތް މުޅި ރާއްޖެއަށް ދިނުމަށް ކޮންމެ ހަފްތާއަކުވެސް ދެ އަތޮޅެއްގައި އައު ޕޯޓަލް ބޭނުންކުރަން ފަށާނެކަމަށް އާސަންދަ ކުންފުނިން ބުނެއެވެ. އެގޮތުން އާސަންދައިގެ އާ ޕޯޓަލް އެންމެ ފުރަތަމަ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އދ. އަތޮޅުގައެވެ.