ޚަބަރު

ތ. އަތޮޅުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެ ގޯތިގެދޮރަށް ގެއްލުން


ތ. އަތޮޅުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގޯތިގެދޮރަށާއި މުދަލަށް ލިބޭ ގެއްލުންތައް ކުރުމަށްޓަކައި ތ. ގުރައިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަން ފަށައިފިއެވެ.

ރެއިން ފެށިގެން ތ. އަތޮޅުގެ އެކި ރަށްރަށަށް ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެކި ސަރަޙައްދުތަކުގައާއި ގޯތި ގެދޮރުގައި ފެންބޮޑުވެފައިވާއިރު ފެންހިއްކުމާއި ގޯތިގެދޮރަށް ފެންވަނުން މަދުކޮށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން މަސައްކަތްތަކެއް ފުލުހުންނާއި ރައްޔިތުން ގުޅިގެންދަނީ ކުރަމުންނެވެ. img:http://s3.psmnews.mv/images/660x400/14874962684338.jpg|ތ. އަތޮޅުގައި ފެންބޮޑުވުމުން ވެލިބަސްތާ ޖެހުމުގައި އާއްމުން ޙަރަކާތްތެރި ވަނީ - ފޮޓޯ: ޕޮލިސް

އެގޮތުން ތ. ގުރައިދޫއަށް މިއަދު ހެނދުނުން ފެށިގެން ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ސްކޫލަށާއި އެރަށުގެ ގެތަކަށް ފެންވަދެ ކުދިކުދި ގެއްލުންތައް ވެފައިވާއިރު ރަށުގެ އެކި ސަރަޙައްދުގައި ފެން ހިނދޭގޮތް ހަދައިދީ، ގޭގެއަށާއި ސްކޫލުގައި ފެންހިއްކައި، ފެންވަނުން މަދުކޮށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ފެންހިނދޭގޮތް ހަދައި ގޭގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތްތައްވެސް ގުރައިދޫގައި މަސައްކަތްކުރާ ފުލުހުން މިހާރުވެސް ދަނީ ކުރަމުންނެވެ.

މީގެއިތުރުން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ތ. ގުރައިދޫ ބަނދަރު ސަރަޙައްދުގެ ތޮށިގަނޑުކައިރި ވެލިގަނޑުން ބައެއް ފަޅުތެރެއަށް ދެމުމުގެ ސަބަބުން ތޮށިގަނޑުން ބައެއް ވެއްޓިފައިވާއިރު އެސަރަޙައްދު ކޯޑޯންކޮށް އެސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތުގައި ގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ތ. ހިރިލަންދޫއަށްވެސް ރޭ ފަތިހުން ފެށިގެން ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ ގެތަކަށާއި އެރަށުގެ ޕޮލިސް ސްޓޭޝަނަށް އެކިވަރުގެ ގެއްލުންތައް ވެފައިވާއިރު ފެންހިއްކުމުގެ މަސައްކަތުގައާއި ގެތަކަށް ފެންވަނުން ކުޑަކޮށް ގެއްލުންތައް ކުރުމުގެ ގޮތުން މަސައްކަތްތަކެއް ރަށުގެ ރައްޔިތުންނާއި ކައުންސިލް އަދި އެރަށުގައި މަސައްކަތްކުރާ ފުލުހުންދަނީ ކުރަމުންނެވެ. img:http://s3.psmnews.mv/images/660x400/14874962843981.jpg|ތ. ގުރައިދޫގައި ފެންބޮޑުވެ ބަނދަރު ތޮށިގަނޑުން ބައެއް ވެއްޓިފައި - ފޮޓޯ: ޕޮލިސް

ހަމައެއާއެކު ތ. ދިޔަމިގިލީގައިވެސް ފެންބޮޑުވުމުގެ ސަބަބުން ފެންހިއްކުމުގެ މަސައްކަތުގައި ފުލުހުންނާއި އެރަށުގެ ކައުންސިލް ގުޅިގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.