ޚަބަރު

މޯލްޑިވިއަންގެ ބޯޓަށް ގެއްލުންވިނަމަވެސް މީހަކަށް ގެއްލުމެއް ނުވޭ


ގއ. ކޫއްޑޫ އެއާޕޯޓަށް މޯލްޑިވިއަންގެ މަތިންދާބޯޓެއް މިއަދު ޖައްސަން އުޅުމުގެ ތެރޭގައި އެ ބޯޓަށް ގެއްލުންތަކެއް ލިބުނުނަމަވެސް މި ހާދިސާގައި އެއްވެސް ޕަސިންޖަރަކަށް ގެއްލުމެއް ނުލިބޭކަމަށް އައިލެންޑްއޭވިއޭޝަނުން ވިދާޅުވެއްޖެ.

އައިލެންޑްއޭވިއޭޝަނުން ވިދާޅުވީ މަތިންދާބޯޓްތައް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ދެނީ ބޯޓުގެ ސަލާމަތީކަންކަމަށްކަމުގައެވެ. އަދި ކޮންމެ ދަތުރެއް ފެށުމުގެ ކުރިން ބަލަންޖެހޭ ހުރިހާ ބެލުންތަކެއް ބައްލަވާކަމަށްވެސް އައިލެންޑްއޭވިއޭޝަނުން ވިދާޅުވެއެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިރޭ ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ބަލަމުން އަންނަ ކަމަށެވެ. އަދި އެކަން ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހެދިކަން މިވަގުތު ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު ބަލަންޖެހޭ ހުރިހާ ކަމަކަށް ބެލުމަށްފަހުު ނޫނީ އެ ބޯޓު ދެން ދަތުރު ނުކުރާނެ ކަމުގެ ޔަގީންކަން ނަޝާތު ވަނީ ދެއްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި ބޯޓުގެ ދަތުރުތައް މެދުކަނޑާލައި، އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރުންގެ ޓީމެއް ކޫއްޑޫގައި މިހާރު ހަރަކާތްތެރިވަމުންދާކަމަށެވެ.