ސްރީލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައި ޒަމާނީ ފެންވަރުގެ ފިޓްނަސް ސެންޓަރެއް ހުޅުއްވައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ ޚަރަދުގައި ގަނެފައިވާ ޒަމާނީ އިކިއުޕްމަންޓާއެކު ސޯސަންވިލާގައި މިސެންޓަރު ހުޅުއްވައިދެއްވީ އިއްޔެ ބޭއްވެވި ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ޖުނައިދުއެވެ. ފިޓްނަސް ސެންޓަރު ހުޅުވައިދެއްވައި ޖުނައިދު ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާމެދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން، ބަހައްޓަވާ ގާތްކަން ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގެ ވެރިޔާ ޢަބްދުއްރަޝީދު އާދަމް ދެއްކެވި ވާހަކާގައި، ސޯސަންވިލާގައި ހުޅުއްވި ފިޓްނަސް ސެންޓަރަކީ، މިވަގުތު ސްރީލަންކާގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ސެންޓަރަށް ވާނެކަން ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި، ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު ޒާހިޔާ ޒަރީރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސްރީލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރަކީ އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ މުހިއްމު ގިނަ ޚިދުމަތްތަކެއް ދެއްވަމުން ގެންދަވާ ސެންޓަރެކެވެ. މީގެތެރޭގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުއްވައި ޤާރީ ކޯހާއި، ޤުރުއާން ކްލާސްތައް ހިންގެވުމާއި އެސް.އެސް.ސީ އިމްތިޙާނަށް ކިޔަވައިދެއްވުން ހިމެނެއެވެ. އަދި ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.