ޒަމާނާ ގުޅޭގޮތަށް ޢަރަބި ބަސް އުނގަންނައިދެއްވުމަށްޓަކައި އިސްލާމިކް ޔުނިވަރސިޓީ "އައިޔޫއެމް" ން ޚާއްޞަ މަޝްރޫޢެއް ފަށްޓަވައިފިއެވެ.
އަންނަ އަހަރު މި މަޝްރޫޢުގެ ދަށުން، ޢަރަބި ބަހުން ކިޔަވައިދޭ ފަސް ކޯހެއް ފަށްޓަވާނެއެވެ. އިސްލާމިކް ޔުނިވަރސިޓީން ފެށްޓެވި މި މަޝްރޫޢަކީ ދިރިއުޅުމުގެ އެންމެހާ ދާއިރާއެއްގައި ޢަރަބި ބަސް ބޭނުންކުރަން ދަންނަ ރައްޔިތުން ބިނާކުރުމަށްޓަކައި ފެށްޓެވި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޑިޕްލޮމާ ފެންވަރުގެ ފަސް ޕްރޮގްރާމެއް ޢަރަބިބަހުން ކުރިއަށް ގެންދެވުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން ދީނީ ދާއިރާ، ނޫސްވެރިކަމުގެ ދާއިރާ، ބިޒްނަސްގެ ދާއިރާ އަދި ޚާރިޖީ ދާއިރާއާއި ޓޫރިޒަމްގެ ދާއިރާއިން ކޯސްތައް ކުރިހިންގެވުމަށް ވަނީ ނިންމަވާފައެވެ.
މި ކޯސްތަކުގައި ޢަރަބި ބަހުން ވާހަކަދެއްކުމާއި އަޑުއެހުމާއު ލިޔުމާއި ކިޔުމުގެ ހުނަރު ދަސްކޮށްދެއްވާނެއެވެ. މި ކޯސްތަކުގެ ފުރަތަމަ އަހަރު ޚާއްޞަ ކުރައްވަނީ ޢަރަބި ބަހުގެ ހުނަރުތައް ކުރިއެރުވުމަށެވެ. ކޯހުގެ ފުރަތަމަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބެގެން ތަޢުލީމު ޙާޞިލްކުރެވޭނެއެވެ. ނަމަވެސް ކޯހުގައި އެމީހަކު ޚާއްޞަވާ ދާއިރާއެއްގެ ބައި ކިޔަވާނީ އިސްލާމިކް ޔުނިވަރސިޓީގައި ކަމަށް އައިޔޫއެމްއިން ހާމަކުރައްވައެވެ.
އަދި މި ޕްރޮގްރާމަށް ޚާއްޞަކުރައްވައިގެން ޢަރަބި ފޮތްބައެއް ނެރުއްވުމަށްވެސް އައިޔޫއެމްއިން ވަނީ ނިންމަވާފައެވެ. ސިލްސިލާކޮށް ނެރުއްވާ މި ފޮތްބައިގައި 43 ފޮތް ހިމެނޭނެ ކަމަށް އައިޔޫއެމްއިން ހާމަކުރައްވައެވެ. "ސިލްސިލަތުލް މާލްދީފް ލި ތަޢުލީމުއް ލުޣަލް ޢަރަބިއްޔާ"ގެ ނަމުގައި މި ފޮތްތައް ތައްޔާރުކުރައްވަނީ ބޭރުގެ ކަމާބެހޭ ތަޖުރިބާކާރު މުއައްސަސާއަކާ ޙަވާލުކުރައްވައިގެންނެވެ. އަދި މި ފޮތްބައި ބޭނުންކުރައްވައިގެން ކިޔަވައިދެއްވުމުގެ މަސައްކަތް 2018 ވަނަ އަހަރު ފަށްޓަވާނެކަމަށް އައިޔޫއެމްއިން ވިދާޅުވެއެވެ. މިގޮތުން ފުރަތަމަ އަހަރުގެ ފޮތްތަކަށް 1.7 މިލިއަން ރުފިޔާ ހޭދަވާނެއެވެ. މި ފޮތްތަކުގައި ރާއްޖޭގެ މާޙައުލާއި، ތާރީޚާއި ޘަޤާފަތާއި ޙަޟާރަތާގުޅޭ ފިލާވަޅުތައް ހިމެނޭނެކަމަށް އައިޔޫއެމްއިން ހާމަކުރައްވައެވެ.
މި މަޝްރޫޢާގުޅޭ ގޮތުން ނޫސްވެރިންނަށް މަޢޫލޫމާތު ދެއްވަމުން އެ ޔުނިވަރސިޓީގެ ޗާންސެލަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިއީ ޢަރަބި ތަޢުލީމު އުނގަނައިދިނުމަށް ރާއްޖޭގައި މިހައިތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢަށް ވެގެންދާނެ ކަމަށެވެ. އަދި މި މަޝްރޫޢަށް ތައްޔާރުކުރެވޭ ފޮތްތައް ރާއްޖޭގެ އިތުރުން ބޭރުގެ އެހެނިހެން ޤައުމުތަކުގައިވެސް ބޭނުންކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"މި ޕްރޮގްރާމްތައް، އަޅުގަނޑު ކަށަވަރުކޮށް މިދެނީ މިހާރު ދިވެހިރާއްޖޭގައި މި ޢަރަބިބަސް ކިޔަވައިދިނުމަށްޓަކައި މި ކުރިއަށް ގެންދެވޭ ޖެނެރަލް ނުވަތަ ޢާންމު ޕްރޮގްރާމްތަކާއި ވަރަށް ތަފާތުވާނެ. އަޅުގަނޑުމެންގެ މި ޕޮރްގްރާމެ ކޮންސެޕްޓަކީ މިއީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ، މިސާލަކަށް އިނގިރޭސި ބަސް އުނގަންނައިދޭން އެންމެ މަޝްހޫރު ތަނަކަށް މި އޮންނަނީ ބްރިޓިޝް ކައުންސިލް. ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ޢަރަބިބަސް އުނގަންނައިދިނުމުގެ ފަލްސަފާއެއް އަޅުގަނޑުމެން މިފަށަނީ،" ޔުނިވަރސިޓީގެ ޗާންސެލަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
ރާއްޖޭގައި ޢަރަބި ތަޢުލީމު ފުޅާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ޝަހީމް ފަހާގަކުރެއްވިއެވެ. އަދި އައިޔޫއެމްގެ މި މަޝްރޫޢުގެ ސަބަބުން ރާއްޖެއާއި އަރަބި ޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"މި މަޝްރޫޢާ ބެހޭގޮތުން މިދިޔަ ހަފްތާގައި އަޅުގަނޑުވާނީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްޙޫރިއްޔާ އާއި ވެސް މަޝްވަރާކޮށްފައި. އެމަނިކުފާނުގެ ވެސް ބައެއް ޚިޔާލުތައް މީގެ ތެރޭގައި ހިމެނިފައިވާނެ. ވަރަށް ބޮޑަށް އެމަނިކުފާނު ޝައުގުވެރިވާ ޕްރޮގްރާމްތަކަކަށް މި ޕްރޮގްރާމް ވެގެންދިޔައީ. އެއީ ދީނީ ކަންކަމުގެ އިތުރުން ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދާއި ޚާރިޖީ ކަންކަމާއި، ޓުއަރިޒަމާއި މިހުރިހައި ކަމެއްގެ ތެރެއިން މީހުން ބިނާކުރެވޭނެ ބޮޑު މަޝްރޫއަކަށް މި މަޝްރޫއުވެގެންދާނެތީ. މި މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި." ޝަހީމް ވިދާޅުވިއެވެ.
ޢަރަބިބަސް ދަސްކޮށްދޭ ކޯސްތައް އައިޔޫއެމްގައި މިހާރުވެސް ކުރިއަށް ގެންދަވައެވެ. ނަމަވެސް އަންނަ އަހަރު ފެށޭ އާ ޕްރޮގްރާމްތަކާއެކު ޢަރަބިބަސް ދަސްކުރާ މީހުން އިތުރުވާނެ ކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.