މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ގަދަ 16 އަށް ހޮވޭ ބައިވެރިން އިޢުލާންކުރުން މިރޭ އޮންނާނެއެވެ.
ގަދަ 16 ހޮވުމަށް ބާއްވާ ތިއޭޓަރ ރައުންޑުގެ ފަހު ޝޯވ މިރޭ 22:30 ޓީ.ވީ.އެމުން ގެނެސްދޭނެއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭއްވި އޮޑިޝަންތަކުން ގޯލްޑަން ޓިކެޓް ލިބުނު ބައިވެރިންގެ މެދުގައި ބޭއްވި ތިއޭޓަރ ރައުންޑްގެ ފުރަތަމަ ޝޯވ ރޭ ޓީ.ވީ.އެމުން ވަނީ ދައްކާފައެވެ. ރޭގެ ޝޯވގައި ގޯލްޑަން ޓިކެޓް ލިބުނު 44 ބައިވެރިން ވާދަކޮށް، 20 ބައިވެރިއަކު ވަނީ މި މުބާރާތުން ވަކިވެފައެވެ.
މޯލްޑިވިން އައިޑަލްގެ ޝޯވތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ އެއް ޝޯވއަކީ ތިއޭޓަރ ރައުންޑެވެ. އޮޑިޝަންތަކުން 3 ޖަޖުންގެ ނުވަތަ 2 ޖަޖުންގެ އާނ ބަހާއެކު ގޯލްޑަން ޓިކެޓު ލިބުނު ބައިވެރިން މޯލްޑިވިއަން އައިޑަލްގެ ޓައިޓަލަށް ވާދަކުރުމުގެ އަސްލު ކުރިމަތިލުން ފެށޭ ހިސާބަކީ، ތިއޭޓަރ ރައުންޑެވެ. ބައިވެރިންގެ ކިބައިންވެސް ވާދަވެރިކަމުގެ ކުލަވަރުތައް ފެންނަން ފަށާ ހިސާބަކީ މިއީއެވެ.
މޯލްޑިވިއަން އައިޑަލްގެ ސީޒަން 2 ގެ ތިއޭޓަރ ރައުންޑް ޝޫޓްކޮށްފައިވަނީ އއ. މަތިވެރީގެ އިތުރުން އެރަށް ކައިރީގައި އޮންނަ ފިނޮޅެއްގައެވެ. އޮޑިޝަންތަކާ ޚިލާފަށް، ތިއޭޓަރ ރައުންޑް ކުރިއަށް ގެންގޮސްފައިވަނީ 2 ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން ރޭގެ ޝޯވގައި ގޯލްޑަން ޓިކެޓް ލިބުނު 44 ބައިވެރިން ވަކި ވަކި ގްރޫޕްތަކެއްގެ ގޮތުގައި ޓްރެކް ޖަހައިގެން ވަނީ ލަވަހުށައަޅައިދީފައެވެ. ރޭގެ ޝޯވއިންވެސް ބައިވެރިންގެ ފަރާތުން ތަފާތު ހުށައެޅުންތަކެއް ފެނިފައިވެއެވެ.
ތިއޭޓަރ ރައުންޑުގެ 2 ވަނަ ބުރަށް ދަތުރުކުރި 24 ބައިވެރިން މިރޭގެ ޝޯވއަށް ކުރިމަތިލާއިރު، މިރޭގެ ޝޯވގައި އައިޑަލް ބޭންޑްގެ ލައިވް މިއުޒިކާއެކު މި ބައިވެރިންގެ ސޯލޯ ޕަރފޯމަންސް ފެނިގެންދާނެއެވެ. މި ރައުންޑް ވެގެންދާނީ މި ޝޯވގެ ބައިވެރިންގެ ތެރެއިން ބެލުންތެރިން ސަޕޯޓްކުރާ ބައިވެރިއެއް ކަނޑައެޅުމަށް ލިބިގެންދާ ފުރުޞަތަކަށެވެ. މިރޭގެ ޝޯވ ނިމިގެންދާއިރު، އައިޑަލްގެ ދެން އޮތް ރައުންޑްކަމުގައިވާ ޕިއާނޯ ރައުންޑުގައި ވާދަކުރާނެ ގަދަ 16 ބައިވެރިން ކަނޑައެޅިގެންދާނެއެވެ.
މޯލްޑިވިއަން އައިޑަލްގެ ޝޯވތަކަށް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ޙަރަކާތްތެރިވާ ފަންނާނުންނާއި، ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބަކާއި މަޤުބޫލުކަމެއް އަންނަނީ ލިބެމުންނެވެ.