އައްޑޫ ހައިސްކޫލްގައި ހަ ސަތޭކައަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުން ގެންދެއެވެ. މި ސްކޫލްގައި ކިޔަވައިދެއްވަނީ ގްރެޑް އެގާރަ ބާރަ އަދި ބީޓެކް ޑިޕްލޮމާ ޕްރޮގްރާމްތަކެވެ. މި ސްކޫލަކީ ސައްތަ އިންސައްތަ އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ރާއްޖޭގެ ހަމައެކަނި ސްކޫލެވެ.
މި ސްކޫލުގައި ޢިޔާދަކުރަނިވި ހަކަތަ ބޭނުންކުރަން ފަށާފައިވަނީ 2014 ވަނަ އަހަރުން ފެށިގެނެވެ. އެސްކޫލުން ވަނީ އަބޫދާބީގައި އޮތް ޒައިދު އެނަރޖީ ފިއުޗަރ ޕްރޮގްރާމްގައި ބައިވެރިވެ ސަތޭކަހާސް ޑޮލަރުގެ އެވޯޑެއް ހޯދާފައެވެ. އޭޝިޔާގެ ހުރިހާ ޤައުމުތަކާ ވާދަކޮށް މި އެވޯޑް، އައްޑު ހައި ސްކޫލުން ހޯދީ ތިމާވެށްޓާއި އިޔާދަ ކުރަނިވި ހަކަތައާ، ގުޅޭ ޕްރޮގްރާމްތައް ހިންގާ އެދާއިރާއިން ކުރައްވާ މަސައްކަތުންކަމަށް އެސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ނަދީމް ވިދާޅުވިއެވެ. އަބޫދާބީ ފަންޑުން ލިބުނު ސަތޭކަހާސް ޑޮލަރު އިންވެސްޓްކޮށް، ސޯލަ ޕެނަލް ހަރުކޮށް، މިހާރު އެ ސްކޫލަކީ ސައްތަ އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ ސްކޫލެކެވެ.
img:http://s2.psmnews.mv/images/660x400/14867037946613.jpg|އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ނަދީމް / ފޮޓޯ: ޕީއެސްއެމް
މި ސްކޫލްގެ ކުދިން ތަޢުލީމް ޙާޞިލްކުރަމުން އަންނަނީ ފެހި މާޙައުލެއްގައެވެ. އަބޫދާބީ ފަންޑުން ލިބުނު ހިތްވަރާއެކު މިސްކޫލްގައި މިހާރު އިޔާދަކުރަނިވި ހަކަތައަށް ކުރާ މަސައްކަތް މިހާރު ވަނީ އެތައް ގުނައެއް އިތުރުކުރައްވާފައެވެ. އޭގެ ތެރޭގައި އަބޫދާބީ، ޗައިނާ، ވިއެޓްނާމް، އިނގިރޭސިވިލާތުގައި ހިންގާ ތިމާވެށްޓާއި އިޔާދަ ކުރަނިވި ހަކަތައާބެހޭ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، ޖަމްޢިއްޔާތަކާއި ރިސޯޓްތަކާ ގުޅިގެން ތިމާވެއްޓާ ގުޅުންހުރި ޕްރޮގްރާމްތައް ކުރިއަށް ގެންދެވުން ހިމެނެއެވެ.
ޚާއްޞަކޮށް އައްޑޫ ސިޓީ ފެހިކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަވައެވެ. ނަދީމް ވިދާޅުވީ، ސްކޫލްގެ މި ޕްރޮގްރާމްގެ ފައިދާ ސްކޫލަށާއި ދަރިވަރުންނަށް ކުރާކަމަށާއި، ކިޔަވާ ނިންމުމަށްފަހުވެސް އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބައެއް ދަރިވަރުން ކުރިއަށްދާކަމަށެވެ. މިކަމުގެ ސަބަބުން ޤައުމަށްވެސް ފައިދާކުރާނެކަން ނަދީމް ޤަބޫލްކުރައްވައެވެ.
ތިމާވެއްޓާ ގުޅުންހުރި ގިނަ ތަމްރީންތަކެއް ލިބި އެ ދާއިރާއިން ކުރިއަށްދާން ޝައުޤުވެރިވާކަމަށް އެސްކޫލްގެ ބައެއް ދަރިވަރުން ބުންޏެވެ. ޖަޕާނު ސަރުކާރުން ސާކްގެ ޤައުމުތަކަށް އަމާޒުކޮށް، ހިންގާ ކަލްޗަރަލް ޕްރޮގްރާމް ކޮންމެ އަހަރަކު ދޭ ފުރުޞަތުގެ ދަށުން މިހާރުވެސް މިސްކޫލްގެ 12 ދަރިވަރަކު އަންނަނީ ޖަޕާނުގައި އެފުރުޞަތުގެ ބޭނުން ހިފަމުންނެވެ.