ތަރައްްޤީ

ހުޅުމާލެއިން ބިން ގަތުމަށް 102 ފަރާތަކުން ބީލަން ހުށަހަޅައިފި


ހުޅުމާލޭ ދެވަނަ ފިޔަވަހިން ބީލަމުގެ އުޞޫލުން ވިއްކުމަށް ހަމަޖެހިފައިވާ ބިން ގަތުމަށް 102 ފަރާތަކުން ބީލަން ހުށައަޅާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ހާމަކޮށްފިއެވެ.

ދެވަނަ ފިޔަވަހިން ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުމަށް އެޗް.ޑީ.ސީން ހުޅުވާލި ފުރުޞަތުގައި 332 ފަރާތަކުން ރަޖިސްޓްރީކުރިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައިވަނީ ސަތޭކަ އެއްހާސް ނުވަސަތޭކަ ފަންސާސް ހަތަރެއް ޕޮއިންޓް ތިނެއް ތިނެއް އަކަފޫޓުގެ ބިމެކެވެ.

ދެވަނަ ފިޔަވަހިން ބިން ގަތުމަށް ބިޑްހުށައެޅުމުގެ ކަންކަން އިއްޔެ ހޮޓެލް ޖެންގައި ކުރިއަށްގެންދަވާފައިވާއިރު، ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ބިޑް ހުށައަޅާފައިވަނީ ސަތޭކަ ދެ ފަރާތަކުންނެވެ. މީގެތެރެއިން 96 ފަރާތަކުން ހުށައަޅާފައިވާ ބިޑް ބަލައިގެންފައިވާއިރު، ހަ ފަރާތެއްގެ ބިޑް ބާތިލްކޮށްފައިވާކަމަށް އެޗް.ޑީ.ސީން މަޢުލޫމާތުދެއެވެ. 

img:http://s3.psmnews.mv/images/660x400/14864746796246.jpg|ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ގަތުމަށް ރަޖިސްޓްރީކުރުން ކުރިއަށްދަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން އަގު ހުށައަޅާ ފަރާތްތަކަށްކަމަށާއި، އެއްފަހަރާ އަގު އަދާކުރާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށްވެސް އެޗް.ޑީ.ސީން ބުނެއެވެ. ބިން ގަންނަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން، އެއްފަހަރާ އަގު އަދާކުރާ ފަރާތްތަކަށް 3 ހަފްތާ އަދި ތާޑް ޕާޓީ ފައިނޭންސް އުޞޫލުން ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް 3 މަސް ދުވަހުގެ މުއްދަތެއް އެކުންފުނިން ދީފައިވެއެވެ.

އެޗް.ޑީ.ސީން ބަލައިގެންފައިވާ 96 ބިޑްގެ ތެރެއިން، ތިރީސް ފަރާތަކުން ހުށައަޅާފައިވަނީ އެއްފަހަރާ އަގު ހުށައަޅާގޮތަށެވެ. އަދި ފަސްދޮޅަސް ހަ ފަރާތަކުން ބިޑް ހުށައަޅާފައިވަނީ ތާރޑް ޕާޓީ ފައިނޭންސް އުޞޫލުން ފައިސާ ދައްކާ އުޞޫލުންނެވެ. ދެވަނަ ފިޔަވަހިން ބިންގަތުމަށް ބިޑް ހުށައަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތު އެޗް.ޑީ.ސީގެ ވެބްސައިޓުގައި މިހާރު ޢާއްމުކޮށްފައިވާއިރު، ބިން ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ފައިސާގެ މުޢާމަލާތްތައް ނިމުމުންކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.