މިދިޔަ އަހަރު ރާއްޖެއަށް 34 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސުން ވިދާޅުވެއްޖެއެވެ.
ކަސްޓަމްސްގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް މުދާ އިމްޕޯޓުކުރި މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން 2015 ވަނަ އަހަރާއި އަޅާބަލާއިރު ރާއްޖެއަށް އިމްޕޯޓްކުރި މުދާ ވަނީ 12 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރު 34 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކުރި އިރު އޭގެ ކުރީ އަހަރު ރާއްޖެއަށް އެތެރެކޮށްފައިވަނީ 31 ބިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ އަހަރު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ތެރެއިން އަގުގެ ގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މެޝިނަރީއާއި އިލެކްޓްރޯނިކްސްގެ ބާވަތްތަކަށެވެ. އެގޮތުން އިމްޕޯޓްކުރި ޖުމްލަ މެޝިނަރީއާއި އިލެކްޓްރޯނިކްސްގެ އަގު ހަހާސް މިލިއަން ރުފިޔާއަށް އަރައެވެ.
ރާއްޖެއަށް އިމްޕޯޓުކުރި މެޝިނަރީއަށް ހޭދަކޮށްފައިވާ އަދަދު ބޮޑުވެފައިވަނީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތްތަކަށް އިމްޕޯޓްކުރި ތަކެތީގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަގު 2015 ވަނަ އަހަރާއި އަޅާބަލާއިރު ހަތެއް އިންސައްތަ އިތުރުވެފައިވެއެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ރާއްޖެއިން 3.9 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ. ދެހާސް ފަނަރަ ވަނަ އަހަރު ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ އެކްސްޕޯޓް ކުރި މުދަލުގެ 33 އިންސައްތައެވެ. ދެން އެންމެ ގިނަ މުދާ އެކްސްޕޯޓް ކޮށްފައިވަނީ ސްރީލަންކާ އަދި އެމެރިކާއަށެވެ. އެގޮތުން ސްރީލަންކާއަށް 11 އިންސައްތަ އަދި އެމެރިކާއަށް ނުވައެއް އިންސައްތަ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ.