ތަރައްްޤީ

ތިނަދޫން ފްލެޓަށް އެދުނު މީހުންގެ މަޢުލޫމާތު ސާފުކުރަނީ


ގދ. ތިނަދޫގައި ޢިމާރާތްކުރައްވާފައިވާ 120 ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންގެ ގޯތިގެދޮރުގެ ތަނަވަސްކަމުގެ މަޢުލޫމާތު ހުށަހެޅުމަށް ހައުސިންގ މިނިސްޓްރީން އެދިވަޑައިގެންފިއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ ގޯތިގެދޮރުގެ ތަނަވަސްކަމާގުޅޭ މަޢުލޫމާތުގެ ސައްޙަކަން ސާފުކުރުމަށް ކަނޑައަޅާފައިވާ ފޯމް ފުރިހަމަކޮށް މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން އެމިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. ގދ. ތިނަދޫގައި ޢިމާރާތްކޮށްފައިވާ 120 ފްލެޓްގެ ތެރެއިން އޭ އަދި ބީ ކެޓަގަރީގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންގެ ތެރެއިން މަޢުލޫމާތު ސައްޙަކަން ކަށަވަރުކުރާ ފޯމް ހުށަނާޅާ މީހުންގެ ފޯމްތައް އިވެލުއޭޓްކުރައްވާގޮތަށް ހަމަޖެހިފައިނުވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ތިނަދޫގައި ސަރުކާރުން ޢިމާރާތްކުރައްވާފައިވާ 120 ފްލެޓްގެ ތެރެއިން 80 ފްލެޓް ޚާއްޞަކުރައްވާފައިވަނީ ތިނަދޫގެ ރަށްވެހިންނަށެވެ. ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގެންދަވަނީ ފްލެޓް ޢިމާރާތްކުރައްވަމުންނެވެ.