ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހޫނު މަރުޙަބާއެއް


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ނ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެވަޑައިގަތުމުން، ދައުލަތުގެ އިސް ބައެއް ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ގިނަ ޢަދަދެއްގެ ޢާއްމުން އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. img:http://s2.psmnews.mv/images/660x400/14862855529275.jpg|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެވަޑައިގަތުން - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް

އެކަމަނާ ނ.އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން ޢާންމުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބައްދަލުކުރައްވައި ހޭދަކުރެއްވި ވަގުތުތަކުގައި، ޖަޒުބާތުން ފުރިގެންވާ ތަފާތު މަންޒަރުތައް ފެނިފައިވެއެވެ. img:http://s3.psmnews.mv/images/660x400/14862855285467.jpg|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެވަޑައިގަތުން - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅަކީ "ފަސްޓް ލޭޑީ ބަށި ބޯޅަ ޗެމްޕިއަންޝިޕް 2017" ރަސްމީގޮތުން ފަށްޓަވައިދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ ހުރިހާ ރަށްތަކަކަށް ހުޅުވާލައިގެން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ބަށިބޯޅަ މުބާރާތެވެ. ނ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި، "ފަސްޓް ލޭޑީ ބަށި ބޯޅަ ޗެމްޕިއަންޝިޕް 2017" ނ. ލަންދޫގައި ރަސްމީގޮތުން އިފްތިތާޙް ކޮށްދެއްވުމުގެ އިތުރުން، އެއަތޮޅުގެ ބައެއް ރަށްތަކަށް އެކަމަނާ ޒިޔާރަތް ކުރައްވާފައިވެއެވެ. އެގޮތުން، ނ. ލަންދޫ، ކެނދިކުޅުދޫ، ހޮޅުދޫ، މަނަދޫ އަދި ވެލިދުއަށް އެކަމަނާ ޒިޔާރާތް ކުރެއްވިއެވެ. img:http://s2.psmnews.mv/images/660x400/14862856297200.jpg|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެވަޑައިގަތުން - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ނ. އަތޮޅަށް ކުރެއްވި މިދަތުރުފުޅުން އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ޢާއިލާތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް، އެކަމަނާގެ މުޅި މި ދަތުރުފުޅުގެ ގިނަ ވަގުތު ހުސްކޮށްދެއްވިކަމެވެ. ނ. އަތޮޅުގެ 5 ރަށަކަށް އެކަމަނާ ކުރެއްވި މިދަތުރުފުޅުގައި އެ ރަށްރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންނާއި، އަދި އެމީހުންގެ ޢާއިލާތަކާއެކު ވަގުތު ހޭދަކުރައްވާފައިވެއެވެ. މި ވަގުތުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ބައެއް މީހުންގެ ފަރާތުން ގާތްކަމާއި ހަމްދަރުދީ ބަލައިގަތުމާއި އެހީތެރިކަމަށް ޝުކުރުވެރިވާކަމުގެ މަންޒަރުތައް ފެނިފައިވެއެވެ. އަދި އެފަދަ މީހުންނަށް ލިބެންޖެހޭ ފަރުވާގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެމީހުންގެ ޢާއިލާތަކާއި ކަމާ ގުޅުންހުރި މުއައްސަސާތަކުގެ އޮފިޝަލުންނާ މަޝްވަރާކުރައްވާފައިވެއެވެ. ހަމައެހެންމެ އެކިގޮތްގޮތުން އެހީތެރިކަން ބޭނުންވާ މީހުންގެ މަޢުލޫމާތުތައް ހޯއްދަވައި، އެފަރާތްތަކަށް އެކަމަނާ ބައެއް އެހީތައް ވެދެއްވާފައިވެއެވެ. img:http://s2.psmnews.mv/images/660x400/14862858908321.jpg|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ހަފްސީ އަބްދުﷲ / ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އިޖްތިމާޢީ އެކި ކަންކަމުގައި ބައިވެރިވެވަޑައިގަތުމާއި، ޢާއްމު ރައްޔިތުންނަށް އެހީތެރިވެދެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވައެވެ. އެކަމަނާ ގެންދަވަނީ ޢުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކި ބަލީގައި ފަރުވާކުރަމުން އަންނަ މީހުންނާއި ތަފާތު އެކި ބޭނުންތައް ޖެހިފައިތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެކި ޙަރަކާތްތައް ހިންގަވައިގެން ފައިސާއާއި ތަކެތި ހޯއްދަވައި އެއިން އެހީތެރިން ދެއްވަމުންނެވެ. img:http://s3.psmnews.mv/images/660x400/14862856041947.jpg|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެވަޑައިގަތުން - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް