ތޮއްޖެހިފައި އޮންނަ މާލޭ ވިޔަފާރި ބަނދަރުގައި މުދާބާލާނެ ބޯޓެއް ނެތި އެއްދުވަސް ފާއިތުވެއްޖެއެވެ. މިކަމަކީ، ބޭރުން މުދާހިފައިގެން މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބޯޓު ފަހަރުން މުދާ ބޭލުން ލަސްވާތީ، ވިޔަފާރިވެރިން ކުރަމުން ގެންދިޔަ ޝަކުވާއަށް ނިމުމެއް ގެންނަވަން ސަރުކާރުން ކުރެއްވި މަސައްކަތުގެ ހެޔޮ ނަތީޖާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލުން ބުނެއެވެ.
މާލޭގެ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވާކަމުގެ ޝަކުވާއަކީ އެ ބަނދަރުގެ ޚިދުމަތް ދޭން ފެށީއްސުރެ ވިޔަފާރިވެރިން ކުރަމުން އަންނަ ޝަކުވާއެކެވެ. މިކަމަށް ޙައްލެއް ގެންނަވަން ސަރުކާރުން ފެށްޓެވި މަސައްކަތް މިއަދު މިވަނީ ކާމިޔާބުވެފައިއެވެ. އެގޮތުން މާލޭގެ ވިޔަފާރި ބަނދަރުގެ ތާރީޚުގައި އެ ކުންފުނިން ވަނީ ފުރަތަމަ ފަހަރަށް މުދާ ކްލިއަރކުރަން ހުރި ހުރިހާ ބޯޓަކުން މުދާ އެއްކޮށް ކްލިއަރކޮށް ހަމަޖެހިލާފައެވެ.
އިއްޔެއިން ފެށިގެން މުދާ ކްލިއަރކުރާނެ އިތުރު ބޯޓެއް މިވަގުތު ބަނދަރުގައި ނެތްކަމަށް އެކުންފުނިން ބުނެއެވެ. ބަނދަރަށް ލުއިވުމުގެ އެންމެ ބޮޑު ސަބަބަކީ ދާދިފަހުން ގެނައި އައު އުޅަނދުތައް ބޭނުންކުރަން ފެށުމުން، މަސައްކަތުގެ ދުވެއްޔަށް އައި ކުރިއެރުންކަމަށް އެމްޕީއެލުން ފާހަގަކުރެއެވެ. އެ ގޮތުން، ބޯޓެއް ހުސްކުރަން ކުރިން ހަފުތާއެއް ނުވަތަ ވިއްސަކަށް ދުވަސް ހޭދަކުރަން ޖެހުނަސް، އައު އުޅަނދުތަކާއެކު އެ މަސައްކަތް މިހާރު 18 ގަޑިއިރުގެ ތެރޭގައި ނިންމާލެވޭކަން އެމްޕީއެލުން ފާހަގަކުރެއެވެ.
img:http://s4.psmnews.mv/images/660x400/14777209309862.jpg|އެމްޕީއެލް މާލެ ވިޔަފާރި ބަނދަރު
މީގެ ކުރިން ބަނދަރަށް މުދާ ބޭލުން ލަސްވުމުގެ ސަބަބުން ބައެއް ޝިޕިންގ ކުންފުނިތަކަށް މާލީ ގެއްލުންތަކާއި ކުރިމަތިވެ، މި މައްސަލަ އިންތިހާއަށް ބޮޑުވެފައިވަނިކޮށް މި ސަރުކާރުން ވިޔަފާރިވެރިންގެ އަޑު އައްސަވައި މިހާރު މިވަނީ ވިޔަފާރިތަކަށް ފަސޭހަކޮށްދެއްވާފައެވެ. މުދާ ބޭލުން އަވަސްވުމާއެކު މުދާ ހަލާކުވުމުގެ ފުރުސަތު މިހާރުވަނީ ކުޑަވެފައިއެވެ.
ވިޔަފާރިވެރިން ބުނީ މުދާ ބޭލުން އަވަސްވުމަކީ ލިބުނު ބޮޑު ކުރިއެރުމެއްކަމުގައިއެވެ. އަދި މިއީ ސަރުކާރުން ކޮށްދެއްވި ވަރަށް އަގުހުރި ޚިދުމަތެއްގެ ގޮތުގައި މިފަރާތްތަކުންވަނީ ސިފަކޮށްފައެވެ.
ގާތްގަނޑަކަށް 140 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެމްޕީއެލްއިން ވަނީ 22 އުޅަނދު ގެނެސްފައެވެ. އެއީ 6 ރީސްޓިކާ އުޅަނދާއި 10 ޓްރެއިން ކެރޭނާއި 2 ފޯކްލިފްޓް ޓްރަކާއި 4 އެމްޓީ ކޮންޓެއިނަރ ހޭންޑްލާއެވެ. މި އުޅަނދުތައް މިދިޔަމަހު ވަނީ ބޭނުންކުރަން ފަށާފައެވެ.
މާލޭ ވިޔަފާރި ބަނދަރުން ދެމުން އަންނަ ޚިދުމަތްތައް ތަރައްޤީކޮށް، ޒަމާނީ ޚިދުމަތްތަކެއް ދޭން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގާތްގަނޑަކަށް 100 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން މާލޭ މި ބަނދަރު ބޮޑުކުރަންވެސް ވަނީ ނިންމާފައެވެ. ބަނދަރުގެ މަގަތު ފާލަން 600 މީޓަރަށް ދިގުކުރަން ހިންގާ މި މަޝްރޫޢުގެ މަސައްކަތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އެމްޕީއެލުން ބުނެއެވެ.