ތަރައްްޤީ

ނުކުޅެދުންތެރިކަން ހުންނަ 267މީހުންނަށް ކުންފުނިތަކުން ވަޒީފާދީފި


ނުކުޅެދުންތެރިކަން ހުންނަ 157 މީހުންނަށް  18 ކުންފުންޏަކުން އަލަށް ވަޒީފާދީފިއެވެ.

ކުންފުނިތަކުން މިކަން ފާހަގަކުރެއްވުމަށް މިއަދު ދަރުބާރުގޭގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާދެއްވުމަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުޞަތުދެއްވުމާއި އެއްވެސް މީހަކު މުޖުތަމަޢުން ބާކީނުކުރެއްވުމަށް ސަރުކާރުން ތަންފީޒުކުރައްވާ ސިޔާސަތުގެ ދަށުން ދައުލަތުގެ އެކި ކުންފުނިތަކުން މީގެ ކުރިންވެސް ވަނީ ސަތޭކަ އެތައް ބަޔަކަށް ވަޒީފާ ދެއްވާފައެވެ.

ނުކުޅެދުންތެރިކަން ހުރި މީހުން ބާކީނުކުރުމަށާއި އަދި އެފަދަ ކުދިން މުޖުތަމަޢަށް ނެރެ، ދައުލަތުގެ ކުންފުނިތަކުން ވަޒީފާދެއްވުމަށް 2014 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކުރެއްވި އިލްތިމާސާ ގުޅިގެން ކުންފުނިތަކުން މިފަދަ މީހުންނަށް ވަޒީފާދެމުން އަންނަތާ އަހަރެއްހާ ދުވަސް ވަނީ ހޭދަވެފައެވެ. މި އިލްތިމާސްކުރެއްވީ ،2014 ވަނަ އަހަރު ބޭއްވި ޑިސްއެބިލިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައެވެ.

މި މުއްދަތުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެންމެ ގިނައިން އެއްކުންފުންޏަކުން، ވަޒީފާދީފައިވަނީ ފެނެކަ ކޯޕަރޭޝަނުންނެވެ. އަދި އޭގެ ކުރިން އެސްޓީއޯއާއި އާސަންދައާއި އެންސްޕާފަދަ ތަންތަނުން ވަނީ މިފަދަ މީހުންނަށް ވަޒީފާދެއްވަން ފަށްޓަވާފައެވެ. އަދި އެތަންތާނގައި ވަރަށް ރަނގަޅަށް މިފަދަ މީހުން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ 157 މީހަކަށް ދައުލަތުގެ ކުންފުނިތަކުން އަލަށް ވަޒީފާދެއްވައި އެކަން ރަސްމީގޮތުން ފާހަގަކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

img:http://s3.psmnews.mv/images/660x400/14857533263087.jpg|މިއަދުގެ ރަސްމިޔާތުގައި ރައީސް ޔާމީނުގެ ދެކަނބަލުން - ފޮޓޯ: ޕީއެސްއެމް

ރައީސްގެ ދެކަނބަލުން ދަރުބާރުގެއަށް ވަޑައިގެން، އެންމެ ފުރަތަމަ ކަމަކަށް އޮތީ އަލަށް ވަޒީފާދިން ނުކުޅެދުންތެރިކަން ހުންނަ 157 މީހުންގެ ތެރެއިން ޖަލްސާއަށް ޙާޟިރުވެވުނު 140 މީހުންނާއެކު ގްރޫޕް ފޮޓޯއެއްގައި ބައިވެރިވެވަޑައިގަތުމެވެ. އަލަށް ވަޒީފާދިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދީފައިވަނީ 18ކުންފުންޏަކުންނެވެ.

އަލަށް މުވައްޒަފުންނަށް ވަޒީފާދެއްވި ކުންފުނިތަކަކީ، ޕަބްލިކް ސަރވިސް މީޑިއާ، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މޯލްޑިވިއަން، އެމްޑަބްލިޔޫއެސްސީ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، މޯލްޑިވްސް ޕޯސްޓް ލިމިޑެޓް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން، މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް، ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، ތިލަފުށި ކޯޕަރޭޝަން.

img:http://s4.psmnews.mv/images/660x400/14857570059001.jpg|މިއަދުގެ ރަސްމިޔާތުގެތެރެއިން - ފޮޓޯ: ޕީއެސްއެމް

މި ކުންފުނިތަކުން އެކި ކުންފުނިން އެކި ވަރަށް ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާދެއްވާފައެވެ. އަދިވެސް އިތުރު މީހުންނަށް ވަޒީފާދޭނެކަން ކުންފުނިތަކުން އަންނަނީ ބުނަމުންނެވެ.

 ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ދައުލަތުގެ  ކުންފުނިތަކުން އަލަށް ވަޒީފާދިން މީހުންނަށް ވަޒީފާދިނުން ފާހަގަކުރެއްވުމުގެ ރަސްމިއްޔާތުގައި ވަނީ އެފަދަ މީހުންނާއި އެމީހުންގެ ޢާއިލާތަކުގެ ޝުޢޫރު ފާޅުކޮށްފައިވާ ރިޕޯޓެއް ދައްކަވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކިޔާފައިވާ ޚާއްޞަ ލަވައެއްވެސް ގެނެސްދިންނެވެ. މީ ރަސްމިއްޔާތު ފެއްޓެވުމުގެ ގޮތުން ޤުރުއާން ކިޔެވީވެސް ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. އަލަށް ވަޒީފާދިން 157 މީހުންނާއެކު، ނުކުޅެދުންތެރިކަން ހުންނަ ދުއިސައްތަ ފަސްދޮޅަސް ހަތް މީހުން މިވަގުތު ސަރުކާރުގެ އެކި ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންނެވެ.