އެސްޓީއޯ މިއަދު ދެކެމުން އަންނަ ތަރައްޤީގެ ޙަޤީޤީ ބާނީއަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމުގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު މިހެން ވިދާޅުވީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯ އުފައްދައި، ޚިދުމަތް ދެމުން އަންނަތާ ފަންސާސް ދެއަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ ރައީސް ޔާމީން މީގެ އަހަރުތަކެއް ކުރިން އެސްޓީއޯގެ ޗެއަރމަންކަމާ ޙަވާލުވެވަޑައިގެންނެވިއިރު އެސްޓީއޯއަކީ އެކުންފުނީގެ އަމާޒު ގެއްލިފައި އޮތް ކުންފުންޏެއް ކަމަށެވެ. ޒަމީރު ވިދާޅުވީ އެސްޓީއޯގެ ޙާލަތު ބަދަލުކުރެއްވުމަށް ރައީސް ޔާމީން އެދުވަސްވަރު ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށާއި އެސްޓީއޯއަށް މިއަދު ލިބިފައިވާ ކުރިއެރުމަކީ އެމަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.
ބައިނަލްއަޤްވާމީ ވިޔަފާރީގައި ބައިވެރިވެވޭވަރުގެ ކުންފުންޏަކަށް ހެއްދެވުމަށް ރައީސް ޔާމީން މުހިއްމު މަސައްކަތްޕުޅުތަކެއް ކުރެއްވި ކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެމަސައްކަތްތައް ކާމިޔާބުކުރުމަށް އެސްޓީއޯގެ ތެރެއިން ޒުވާން ޓީމެއް ބިނާކުރައްވައި، ޚިދުމަތްތައް ފުޅާކުރެއްވުމަށް މަސައްކަތް ކުރެއްވިކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.
ރައްޔިތުންނާއި ސަރުކާރު ޙިއްޞަވާ، އެސްޓީއޯގެ ދަށުން ހިންގާ ކުންފުނިތަކުގެ ތެރެއިން މިދިޔައަހަރު އެންމެ ރަނގަޅަށް ހިންގި ސަބްސިޑަރީ ކުންފުންޏަކަށް ހޮވުނީ މޯލްޑިވް ގޭސްއެވެ. އެސްޓީއޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޙަފްލާގައި، "ބެސްޓް ގަވަނަންސް އެކްސެލެންސީ އެވޯޑް" މޯލްޑިވް ގޭސްގެ އެމްޑީ ޢަބްދުﷲ މައުމޫނާ ޙަވާލުކޮށްދެއްވީ އެސްޓީއޯގެ ޗެއަރމަން ޙުސަން ސާލިމްއެވެ.