ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ އެއް މަޝްރޫޢުއެވެ. ހުޅުމާލޭގައި ހިންގަވާ އެކި މަޝްރޫޢުތަކުގެ ތެރެއިން ޒުވާނުން ބޭނުންވާ ފަދަ އެކި ކުޅިވަރުތަކާއި މުނިފޫހިފިލުވާނެ އެކިކަހަލަ ވަޞީލަތްތައް ޤާއިމްކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްތައްކެއް ކުރައްވަމުންނެވެ.
މިކުރައްވާ މަސައްކަތްތަކުގެ ތެރެއިން މިހާރު އިސްކަމެއްދެއްވައިގެން ކުރައްވާ އެއްކަމަކީ އިންޓަރނޭޝަނަލް މަޝްހޫރު ފްރެންޗައިޒްތަކެއް ހުޅުމާލެއަށް ގެނައުމަށް ކުރާ މަސައްކަތެވެ. އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ މިހާރުވެސް ހުޅުމާލޭ ސެންޓްރޯ މޯލް ނުވަތަ ޝޮޕިންގ މޯލްގެ ޓެރަސްގައި އިންޓަރނޭޝަލް ބްރޭންޑް މެން ހޭޓަން ފިޝްމާރކެޓް ފްރެންޗައިޒް އުޞޫލުން ހިންގަން ފަށާފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ބޮޑު ރެސްޓޯރެންޓެއްކަމަށްވާ "ޑޯމް" ހުޅުވުމަށް ތައްޔާރުވެފައިވާކަމަށް ސައިމަން ވިދާޅުވިއެވެ.
ހުޅުމާލޭގެ ސަރަޙައްދުތަކުގައި ފްރެންޗައިޒް ބްރޭންޑްތައް އިތުރުކުރަން ކުރާ މަސައްކަތުގެ ތެރެއިން ޝޮޕިންގ މޯލްގެ ތިރިއަށްވެސް އިންޓަރނޭޝަނަލް ބްރޭންޑްތަކެއް ގެންނަން ހަމަޖެހިފައިވާކަމަށް އެޗްޑީސީން ހާމަކުރެއެވެ. އަދި ވޯޓަރ ފްރަންޓް ޑިވެލޮޕްމަންޓްތަކުގައި ފްރެންޗައިޒް ބްރޭންޑްތަކެއް ގެންނަން ހުޅުވާލި ފުރުޞަތުގައި މިހާރު ޕްރޮޕޯސަލްތަކެއް ލިބިފައިވާކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ހޮސްޕިޓާލިޓީގެ ދާއިރާއިން ނަން މަޝްހޫރު ފްރެންޗައިޒްތަކުންވެސް ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ވިޔަފާރި ފެށްޓުމަށް ޝައުޤުވެރިކަން ފާޅުކުރަމުން އަންނަކަމުގައި ސައިމަން ވިދާޅުވިއެވެ.
" ހުޅުމާލެއަށް އިންޓަރނޭޝަންލް ފްރެންޗައިޒްތަކެއް ގެނައުމަށް އިސްކަންދީގެން މިހާރު މިދަނީ މަސައްކަތްތަކެއް ކުރަމުން. ރެސްޓޯރެންޓްގެ އިތުރުން ހޮސްޕިޓޭލިޓީ ފްރެންޗައިޒްތައްވެސް ވަރަށް އަވަހަށް ހުޅުމާލެއިން ފެންނާނެ" ސައިމަން ވިދާޅުވިއެވެ.
ހުޅުމާލޭގެ އިތުރުން މާލޭއާއި ހުޅުލޭގައިވެސް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އިތުރު ފްރެންޗައިޒްތަކެއް ހުޅުވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.