ސިއްހަތު

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކަށީގެ އޮޕަރޭޝަންތަކެއް ފަށަނީ


އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ. ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 150 މީހުންނަށް އޯޕީޑީގެ ޚިދުމަތް މިހޮސްޕިޓަލުން ދެމުންގެންދެއެވެ. މި ހޮސްޕިޓަލުގައި ގިނަ ބަލިތަކަށް ޚާއްޞަ ސްޕެޝަލިސްޓް ޑޮކްޓަރުން ތިއްބަވައެވެ. 

އޭގެ ތެރޭގައި އޮޕަރޭޝަންގެ ޚާއްޞަ ޑޮކްޓަރުންނާއި ހޭނައްތާ ޑޮކްޓަރުން، އަންހެނުންގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންނާއި ކަށީގެ ބަލިތަކުގެ ޑޮކްޓަރުންނާއި، ހަމުގެ ބަލިތަކުގެ ޑޮކްޓަރުންނާއި ނަފްސާނީ އަދި ކަރުން މަތީގެ ބަލިތަކުގެ ޑޮކްޓަރުންގެ އިތުރުން، ލޮލުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ތިއްބަވައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެއްވާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިވަގުތު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތުގެ ތެރޭގައި ކަށީގެ ބަލިތަކާއި ކަރުން މަތީގެ ބަލިތަކަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރެއްވުމުގެ މަސައްކަތް ހިމެނެއެވެ. އެގޮތުން ކަށީގެ އޮޕަރޭޝަންތައް ފެއްޓެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.

މި އޮޕަރޭޝަންތަކަށް ޚާއްޞަކޮށް ތިއޭޓަރެއް ޤާއިމްކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ކުދި ކޮންސިއުމަބަލްސް ހޯދުމުގެ މަސައްކަތް ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރ ވިދާޅުވިއެވެ.

"ކަށީގެ އޮޕަރޭޝަންތައް ފެށުމަށް ބޭނުންވާ ބޮޑެތި އިކުއިޕްމަންޓްސް މިހާރު ވަނީ ހޯދާފައި. އޭގެ ތެރޭގައި ކަށި ތޮރުފަން ބޭނުންކުރާ އާލާތްތަކާއި، އެނޫންވެސް ބޮޑެތި މެޝިންތައް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް މިދަނީ. މިހާރު ކުދި ކޮންސިއުމަބަލްސް ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އެކަން ނިމުނުހާ އަވަހަށް ފެށޭނެ. މިކަމުގައި މިނިސްޓްރީއާއި، އެސްޓީއޯގެ އެހީ ވަރަށް ބޮޑު" ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރ ޝަހު ސަޢީދު

ކަށީގެ ބަލިތަކަކީ ދިވެހިންގެ ތެރޭގައި ޢާއްމު ބައްޔަކަށްވެފައި މިފަދަ ޚިދުމަތެއް މިސަރަޙައްދުގައި ލިބޭނެ އިންތިޒާމެއް ހަމަޖެހިގެންދިއުމަކީ ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަން ސަރުކާރުން ޔަޤީންކުރައްވައެވެ.