ޚަބަރު

ޞިއްޙީ ދާއިރާގެ އަމާޒުތަކަށް އޮނިގަނޑެއް އެކުލަވާލަނީ


ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީގެ އަމާޒުތަކާބެހޭ އޮނިގަނޑު އެކުލަވާލެއްވުމުގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. މިއީ ކުރިއަށް އޮތް 15 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ޞިއްޙީ ދުޅަހެޔޮކަމަށް ޤައުމީ ފެންވަރުގައި ކުރައްވާނެ ކަންކަމާއި އެކަންކަން ޙާޞިލްކުރާ އަހަރުތައް ކަނޑައެޅޭ ރޭވުންތަކުގެ ފްރޭމްވަރކް ތައްޔާރުކުރުމުގެ މުހިންމު މަސައްކަތެކެވެ.

ދިވެހި ރާއްޖެއިން އެކަށައެޅި ސާސްކަފް ލަނޑުދަނޑި ޙާޞިލްކުރެވުމާއެކު، މިހާރު އަމާޒު ހިފާފައިވަނީ، 2016 ން ފެށިގެން ހިނގާ 15 އަހަރު ދުވަހަށް ޞިއްޙީ ދާއިރާގެ އަމާޒުތައް ކަނޑައަޅުއްވައި އެ އަމާޒުތައް ޙާޞިލް ކުރުމަށެވެ. މިކަމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލެއްވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ސަރުކާރުން ކުރިޔަށް އެބަގެންދަވައެވެ. މިކަމާބެހޭ ފްރޭމްވާރކް އެކުލަވާލެއްވުމުގެ ބައްދަލުވުމުގައި ކަމާގުޅުން ހުރި ދާއިރާތަކުގެ މެދުގައި ތަފްޞީލް މަޝްވަރާތަކެއް ކުރައްވާނެއެވެ.

ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތަކަކީ ސާސްކަފުގެ ލަނޑުދަނޑިތަކަށްފަހު ދުނިޔެއިން ފަޤީރުކަން ނައްތާލުމާއި، އަމާން ދުނިޔެއެއް ޤާއިމް ކުރުމަށްޓަކައި، އެކުވެރި ދައުލަތްތަކުން 2016 އިން 2030 އަށް 17 ދާއިރާއަކުން އެކުލަވާލެވޭ ލަނޑުދަނޑިތަކެކެވެ. ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބާއްވަވާ މި ބައްދަލުވުމަކީ ދެމެހެއްޓެނިވި ތަރައްޤީގެ 17 ލަނޑުދަނޑިތަކުގެ ތެރެއިން 3 ވަނަ ލަނޑުދަނޑިކަމުގައިވާ "ފުރިހަމަ ސިއްޚަތާއި ދުޅަހެޔޮކަން" ކަށަވަރު ކުރުމަށްޓަކައި، މަޝްވަރާ ކުރެއްވުމަށް ފެއްޓެވި ބައްދަލުވުމެކެވެ.

ޞިއްޚަތާ ގުޅުންހުރި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ މޮނިޓަރިންގ އިވެލުއޭޝަން ފްރޭމްވޯކް އެކުލަވާލުމަށްޓަކައި ފެށްޓެވި މަސައްކަތު ބައްދަލުވުމުގައި ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް ޤައުމީ ފެންވަރުގައި ތަންފީޒުކުރުމުގެ މަސައްކަތް ކުރައްވާ ދާއިރާތަކުގެ ބޭފުޅުންނާއި ދުނޔޭގެ ސިއްޚަތު ޖަމިއްޔާގެ މާހިރުންނާއި ޞިއްޚީ ދާއިރާއާއި ލަނޑުދަނޑިތަކާ ގުޅުންހުރި އިދާރާތަކުގެ އސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން ޞިއްޙީ ދާއިރާއާ ގުޅުންހުރި ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި އެހެން ދާއިރާތަކުގެ ބައިވެރިވުން ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙުސައިން ރަޝީދު ވިދާޅުވީ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ހެލްތް މިނިސްޓްރީގެ ބަޖެޓް ބޮޑުކުރައްވައި، ގިނަ މަޝްރޫއުތަކެއް މިހާރުވެސް ހިނގަމުންދާ ކަމަށް ވިދާޅުވިއެވެ.

"ޞިއްޚީ ދާއިރާގެ މާސްޓަރ ޕްލޭން އެކުލަވާލުމަށްޓަކައި މިގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން. އަދި ސަރުކާރުން ޞިއްޚީ ދާއިރާ ހަރުދަނާ ކުރެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވައި، ސިއްޚީ ދާއިރާގެ ބަޖެޓް ބޮޑުކުރައްވާ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ހިނގަމުންއެބަދޭ. އަދި ގައިން ގަޔަށް ނާރާ ބަލިތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން ގިނަ މަސައްކަތަތަކެއް ކުރައްވަމުން އެބަގެންދަވާ،" ޙުސައިން ރަޝީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދުނިޔޭގެ ޞިއްޙަތުގެ ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރިޕްރަޒެންޓޭޓިވް ޑރ. އަރުވިންދު މާތުރު ވިދާޅުވީ، ރާއްޖެފަދަ ކުދި ޤައުމަކުން ޞިއްޚީ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ޙާޞިލް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ޞިއްޙަތައް ގެއްލުން ހުރި ކަންތައްތައް ހުއްޓުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތައް އަރުވިންދު މާތުރު ފާހަގަކުރެއްވިއެވެ.

"ސަރުކާރުން ޞިއްޙީ ދާއިރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަރަށް ފުރިހަމަ. އެގޮތުން ސިއްހަތައް ގެއްލުންހުރި ތަކެތީގެ ޑިއުޓީ ބޮޑުކުރުމާއި، ސްކޫލްތަކުގައި އެނަރޖީ ޑްރިންކް ބޭނުންކުރުން މަނާކުރުންފަދަ ކަންތައްތަކަކީ ޞިއްޙީ ދާއިރާއިން ޙާޞިލްކުރަމުންދާ މުހިންމު ކަންތައްތަކެއް،" ޑރ. އަރުވިންދު މާތުރު ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ސިއްޚަތާއި ގުޅުންހުރި 65 ފަންނީ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.