މުލަކަތޮޅުގެ 3 ރަށެއްގައި ސަރުކާރުން ކުރިއަށްގެންދެވި ބައެއް މަޝްރޫޢުތައް ނިންމަވައި އެމަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ މާދަމާ އިފްތިތާޙުކޮށްދެއްވަން ނިންމަވައިފިއެވެ.
މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި މ. އަތޮޅު ދިއްގަރުގެ ފެނުގެ ނިޒާމު އިފްތިތާޙުކޮށްދެއްވައި އެރަށުގެ ނަރުދަމާގެ ޢަމަލީ މަސައްކަތް މާދަމާ ފަށްޓަވައިދެއްވާނެއެވެ. އަދި މުލަކުގެ ފެނުގެ ނިޒާމާއި ނާލާފުށީގެ ބޭރު ތޮށިލުމުގެ މަޝްރޫޢުވެސް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވާނެއެވެ.
މ. ދިއްގަރުގައި ޤާއިމުކުރައްވާފައިވާ ފެނުގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވާދެއްވުމަށްވެސް މިދަތުރުފުޅުގައި ވަނީ ހަމަޖެހިފައެވެ. 25 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދެވި މި މަޝްރޫޢުގެ ދަށުން ޒަމާނީ ފެނުގެ ނިޒާމެއް ދިއްގަރުގައި ޤާއިމްކުރައްވާ އެރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި 202 ފެންމީޓަރު ބަހައްޓަވާފައިވެއެވެ.
މިމަޝްރޫޢުގެ ދަށުން 20 ޓަނުގެ ޑީސެލިނޭޝަން 2 ޕްލާންޓު ދިއްގަރުގައި ބަހައްޓާފައިވެއެވެ. އެ ޕްލާންޓުތައް މެދުވެރިކޮށް ދުވާލަކު 40 ޓަނުގެ ފެން އުފެއްދޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ޕްލާންޓުތަކުން އުފައްދާ ފެން ރައްކާކުރުމަށް 200 ޓަނުގެ ތާނގީއެއްވެސް ވަނީ ބަހައްޓާފައެވެ.
ދިއްގަރުގައި 4.7 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ދިއްގަރަށް ކުރައްވާ މި ދަތުރުފުޅުގައި އެރަށުގެ ނަރުދަމާގެ ޢަމަލީ މަސައްކަތްވެސް މާދަމާ ފަށްޓަވާދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވަން ހަމަޖެހިފައިވާ މުލަކުގެ ފެނުގެ ނިޒާމަކީ 37 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ޤާއިމުކުރި ނިޒާމެކެވެ. މިނިޒާމު މެެދުވެރިކޮށް ދުވާލަކު 40 ޓަނުގެ ފެން އުފެއްދޭނެއެވެ. އަދި މި ނިޒާމުގެ ދަށުން 20 ޓަނުގެ ޑީސެލިނޭޝަން 2 ޕްލާންޓު ބަހައްޓާ މި ޕްލާންޓުތަކުން އުފައްދާ ފެން ރައްކާކުރުމަށް 300 ޓަނުގެ ތާނގީ ބަހައްޓާފައިވެއެވެ. މުލަކުގައި ފެނުގެ ނިޒާމެއް ޤާއިމުކުރެއްވުމަށް ކުރިޔަށް ގެންދެވި މަޝްރޫއުގެ ދަށުން އެރަށުގައި 11 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައި އަޅާ 279 ފެން މީޓަރު ބަހައްޓަވާފައިވެއެވެ.
މ.އަތޮޅުގެ ތިން ރަށަކަށް ރައީސް ޔާމީން ކުރައްވާ މިދަތުފުޅުގައި އެ އަތޮޅުން އެންމެ ފަހުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނާލާފުއްޓަށެވެ. އެރަށަށް ވަޑައިގެން ނާލާފުށީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުންވެސް އިފްތިތާޙުކޮށްދެއްވުމަށް ހަމަޖެހިފައިވެއެވެ. ސަރުކާރުގެ ބަޖެޓުން 17 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫޢުގެ ދަށުން ނާލާފުށީގެ ގިރާ ސަރަހައްދުގައި 510 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާ، އެސަރަހައްދުވަނީ ޙިމާޔަތްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މުލަކާއި ދިއްގަރާއި ނާލާފުށީގެ އިތުރުން ފ. މަގޫދޫ އަށް ވަޑައިގެން އެރަށުގެ ބަނދަރުގެ މަޝްރޫޢު ނިންމާ އެ މަޝްރޫޢު އިފްތިތާޙުކޮށްދެއްވާނެއެވެ.
މަގޫދޫ ބަނދަރަކީ 500 ފޫޓު ދިގު، 250 ފޫޓު ފުޅާ ބަނދަރެކެވެ. ސަރުކާރުގެ ބަޖެޓުން 40 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ މިބަނދަރުގެ މަސައްކަތްކޮށްފައިވަނީ އެމްޓީސީސީންނެވެ.