ތަރައްްޤީ

ރަށްރަށަށް ކުުރާ ދަތުރުތަކުގެ ނަތީޖާ ފެންނާނެ - މުޢިއްޒު


ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ޙައިސިއްޔަތުން ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު 9 ރަށަކަށް ވަޑައިގެންނެވިއެވެ. ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަކި ވަކި ކައުންސިލްތަކާއި ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ހައުސިންގ މިނިސްޓަރ ވިދާޅުވީ މަގު ހެދުމާއި، ބަނދަރު ހެދުން ފަދަ ހައުސިންގ މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްގެންދަވާނެކަމަށެވެ. އަދި ސިއްޙީ އާލަތްތައް ނެތުމާއި، ތަޢުލީމީ ދާއިރާ ހަރުދަނާކުރުންފަދަ ކަންކަން ގުޅުން ހުރި މުއައްސަސާތަކުގެ ވެރިންނާއި ކޯޑިނޭޓްކުރައްވައިގެން ކުރިއަށްގެންދަވާނެކަމަށް ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް އެންމެ ދަތިވާ، އަދި ރައްޔިތުން އެންމެ އެދޭ ކަންކަން އޭގެ އެންމެ ފުރިހަމަގޮތުގައި ކޮށްދެވުންކަމަށެވެ. ހައުސިންގ މިނިސްޓަރ ވަނީ ރަށްރަށުގެ ތަރައްޤީއަށް ކައުންސިލްތަކުން އެކުލަވާ ލޭންޑް ޔޫޒް ޕްލޭންތައް ތަންފީޒުކުރުމަށް މިނިސްޓްރީން އެއްބާރުލުންދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މުއައްސަސާތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަކީ ބޭނުމެއްކަމުގައި ވިދާޅުވިއެވެ.

ސަރުކާރުން ކުރައްވާ މިފަދަ ދަތުރުތަކުގެ ބޭނުމަކީވެސް ރައްޔިތުންގެ ޝުޢޫރުތަކާއި ރައްޔިތުންގެ އަޑުއެހުންކަމަށާއި، އެހެންކަމުން އެކަންކަން ފުރިހަމަކޮށްނުދީ އަތްއުރާލައިގެން ނުތިބޭނެކަމުގައި ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

މިބައްދަލުކުރެވުންތަކުގައި ކައުންސިލް މެމްބަރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި، ރައްޔިތުންނާއި ބައްދަލުކުރައްވާ އެރަށްރަށުގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ވަނީ އޮޅުން ފިލުއްވާލައްވާފައެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދިއުމުގައި، ރައްޔިތުން އިތުރަށް ބޭނުންވާ ކަންތައްތަކުގެ މަޢުލޫމާތުވެސް އޮޅުން ފިލުއްވާފައިވެއެވެ.

ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހައުސިންގ މިނިސްޓަރ މުޢިއްޒުގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަޙުމަދު ނިހާން ޙުސައިންމަނިކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނަވައެވެ.