ނ. ވެލިދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެރަށު ކައުންސިލް އިދާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ވެލިދޫ ކައުންސިލް އިދާރާގެ ނާއިބު ރައީސް އިބްރާހީމް އަލީ ވިދާޅުވީ ބަނދަރުގެ އެއްގަމު ޖެޓީގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ބޭރު ތޮށީގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވިދާޅުވިއެވެ. މި މަސައްކަތާއެކު ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އިބްރާހީމް އަލީ ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14846441822463.jpg|ނ. ވެލިދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް - ފޮޓޯ: ހައުސިންގ މިނިސްޓްރީ
ކޮންޓްރެކްޓަރާއި ހަވާލާދީ ކައުންސިލް އިދާރާއިން ވިދާޅުވީ މިމަޝްރޫޢުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ތާރީޚުގެ ކުރިން މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުގެ މަސައްކަތް ނިންމަންޖެހެނީ ޖުލައި މަހުގެ ކުރިންނެވެ.
މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައި މަސައްކަތް ފެށި ވެލިދޫ ބަނދަރަކީ އެއްހާސް ފޫޓް ދިގު 550 ފޫޓް ފުޅާ ބަނދަރެކެވެ. ނ. ވެލިދޫ އަކީ ދެހާސް ހަތްސަތޭކައެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ރަށެކެވެ.