ތަރައްްޤީ

ތިމަރަފުށީ ފެނުގެ ނިޒާމްގެ ޢަމަލީ މަަސައްކަތް ފައްޓަވަނީ


ތ. އަތޮޅު ތިމަރަފުށީ ޒަމާނީ ފެންވަރުގެ ފެނުގެ ނިޒާމެއް ޤާއިމް ކުރެއްވުމުގެ ޢަމަލީ މަސައްކަތް ފެއްޓެވުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.  

ތ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ ތިމަރަފުށްޓަށް ދިމާވެފައިވާ ފެނުގެ މައްސަލައަކީ އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު އަސާސީ އެއް މައްސަލައެވެ. މި މައްސަލަ ޙައްލުކޮށްދެއްވުމުގެ ގޮތުން ސަރުކާރުން ވަނީ އެރަށުގައި ފެންވަރު ރަނގަޅު ފެނުގެ ނިޒާމެއް ޤާއިމް ކުރެއްވުމަށް ބަޔަކާ ޚަވާލުކުރައްވާފައެވެ. މި މަސައްކަތް ސަރުކާރުން ޙަވާލުކުރެއްވީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ޕިއުރިޓާސް ޕްރައިވެޓް ލިމިޓެޑާއެވެ. 

ތިމަރަފުށީ ފެނުގެ ނިޒާމްގެ ޢަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާއިރު އެކަމަށް ބޭނުންވާ ސާމާނުތައްވެސް މިހާރު ވަނީ އެރަށަށް ޖަމާކޮށްފައެވެ. ތިމަރަފުށީ ކައުންސިލް މެމްބަރ އަޙުމަދު އިޙުސާން ވިދާޅުވީ، ފެން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ބިން ކައުންސިލުން ކޮންޓްރެކްޓަރާ ޙަވާލުކޮށްފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ބިން ސާފުކުރުމަށްފަހު ފެން ޕްލާންޓު ބެހެއްޓުމަށް އެ ބިން ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.

"މި ސަރުކާރު އައި ފަހުން ފުރަތަމަ ފަހަރަށް ތިމަރަފުށީގައި ފެނުގެ ނިޒާމެއް ޤާއިމް ކުރެވިގެން މިދަނީ. އިރާދަކުރެއްވިއްޔާ މިހާރު މިއޮތީ މަސައްކަތުގެ ކަރުދާހުގެ މަސައްކަތް ނިމި ހަދަންޖެހޭ ހުރިހާ ސާރވޭތައް ނިމި އިރާދަފުޅުން މަސައްކަތް ފެށުމަށް ތައްޔާރުވެފަ. ކައުންސިލްގެ ފަރާތުން މިހާރު ވާނީ މަސައްކަތް ކުރުމަށްޓަކާ މި މަސައްކަތަށް ބޭނުންވާ ސާމާނުތަކަށް ބެހެއްޓުމަށް ސައިޓްވެސް ޙަވާލުކޮށްފަަ" ކައުންސިލް މެމްބަރ އަޙުމަދު އިޙުސާން ވިދާޅުވިއެވެ.

ތިމަރަފުށީ ފެނުގެ ނިޒާމްގެ މަސައްކަތް މިއަހަރުގެ ޖުލައި މަހަށް ނިންމާގޮތަށް ލައްކާގެ ޕިއުރިޗާސް ކުންފުންޏާއި ޙަވާލު ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 11 ވަނަ ދުވަހުއެވެ. މި މަޝްރޫއަށް 27.7 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ސަރުކާރުން މީގެ ކުރިން ވަނީ ތިމަރަފުށީގައި ނަރުދަމާ ނިޒާމް ޤާއިމްކޮށްދެއްވާފައެވެ.