ތަރައްްޤީ

ސީލައިފުން 297ފްލެޓެއްގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހާވަލުކޮށްފި


ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި ތަރައްޤީކުރާ ފްލެޓްތަކުގެ ތެރެއިން އިތުރު 297 ފްލެޓްގެ މަސައްކަތް ކޮންޓްރެކްޓަރަކާއި ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއީ ސީ ލައިފް ގްލޯބަލްއިން ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 3000 ހައުސިންގ ޔުނިޓްއާއި އޮފީސް ކޮމްޕްލެކްސް ހިމެނޭ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ފްލެޓްތަކެކެވެ.

ހުޅުމާލޭގައި ސީލައިފް ގްލޯބަލް ކުންފުނިން ޢިމާރާތްކުރާ 3000 ހައުސިންގ ފްލެޓްތަކުގެ ތެރެއިން 300 ފްލެޓް ޢިމާރާތްކުރުމަށް ސްރީލަންކާގެ ކުންފުންޏަކާއި ވަނީ ހަވާލުކޮށްފައެވެ. އަދި 278 ފްލެޓް އެޅުމަށް ޗައިނާގެ ކުންފުންޏަކާއި މިދިޔަ އަހަރުގެތެރޭގައި ވަނީ ހަވާލުކޮށްފައެވެ.

އެކުންފުނިން ހަދާ 3 ވަނަ ފްލެޓްގެ މަސައްކަތްވެސް މިހާރު ކޮންޓްރެކްޓަރަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް ސީލައިފް ގްލޯބަލް ކުންފުނިން މަޢުލޫމާތުދެއެވެ. ތިން ވަނަ ހައުސިންގ ފްލެޓްގައި 297 ފްލެޓް ޢިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. މިމަސައްކަތްވެސް ޙަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރުގެ ކުންފުންޏަކާއެވެ. އަދި މިމަހުގެތެރޭގައި ކޮންޓްރެކްޓަރއާ ރަސްމީކޮށް ބިން ހަވާލުކުރާނެކަމަށް އެކުންފުނިން ބުނެއެވެ.

ސީލައިފް ކުންފުނިން ފްލެޓްތައް ތަރައްޤީކުރުމަށް އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެކުންފުންޏާއި ހަވާލުކޮށްފައިވާ ފްލެޓްތައް ޢިމާރާތްކުރުމުގެ މަސައްކަތް، ކޮންމެ ބިމެއްގައި ތަރައްޤީކުރާ ފްލެޓްތަކުގެ 20 ޕަސެންޓް މަސައްކަތް ނިމުމުން އިތުރު ބިމެއްގައި މަސައްކަތް ފަށަންޖެހެއެވެ. މިގޮތުން ހުޅުމާލޭގައި މިހާރު އެކުންފުނިން ތަރައްޤީކުރާ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ބިމުގައި ހަދާ ފްލެޓްތަކުގެ މަސައްކަތް މިމަހުގެތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ސީލައިފް ގްލޯބަލްއިން މަޢުލޫމާތުދެއެވެ. އަދި ޗައިނާގެ ޓްވެންޓީ ތާރޑް އެމްސީސީ އާއި ހަވާލުކޮށްގެން ތަރައްޤީކުރާ ފްލެޓްތަކުގެ މަސައްކަތްވެސް ފެށުމަށްޓަކައި އެކުންފުންޏާއި ބިން ހަވާލުކޮށް ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ނަގަންޖެހޭ ހުއްދަތަކާއި، ފުރިހަމަކުރަންޖެހޭ ކަންކަން އަންނަނީ ކުރަމުންނެވެ.

ސީ ލައިފް ގްލޯބަލްއިން ހުޅުމާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 3000 ހައުސިންގ ޔުނިޓް ތަރައްޤީކުރެވިގެންދާނީ 1 ކޮޓަރި، 2 ކޮޓަރި، އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކާއި، އެންމެ މަތީ ފްލޯތަކުގައި ޕެންޓްހައުސް ހިމެނޭގޮތަށްކަމަށް ސީލައިފް ގްލޯބަލްއިން މަޢުލޫމާތުދެއެވެ. މި ފްލެޓްތައް ތަރައްޤީކުރެވިގެންދާނީ ޒަމާނީ ފެންވަރުގެ ވަސީލަތްތައްތަކާއެކުކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއެވެ.