ކުޅިވަރު

28 މެޗަށްފަހު މަރޭ ބަލިވެއްޖެ


އަށާވީސް މެޗަށްފަހު ދުނިޔޭގެ އެއްނަންބަރު ޓެނިސް ކުޅުންތެރިޔާ އެންޑީ މަރޭ މުބާރާތުގެ މެޗަކުން ބަލިވެއްޖެއެވެ. ޤަތަރު އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން އެންޑީ މަރޭ ބަލިވީ ވާދަވެރި ނޮވަކް ޖޮކޮވިޗް އަތުންނެވެ.

 ޖޮކޮވިޗް ފައިނަލް ކާމިޔާބުކުރީ 6-3، 5-7 އަދި 6-4 ނެވެ. މި މެޗަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށާރަވަނަ ދުވަހުގެ ފަހުން މަރޭ މުބާރާތުގެ މެޗަކުން ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މެޗުން މޮޅުވުމަށްފަހު ނޮވަކް ޖޮކޮވިޗް ބުނީ ދުނިޔޭގައި މިވަގުތު އެންމެ ފޯމުގައި ހުރި ކުޅުންތެރިޔާއާއި ދެކޮޅަށް ކުޅެ މޮޅުމިވީ އުނދަގޫ މެޗެއްކުންކަމަށެވެ. މަރޭއަކީ އެންމެ ފަހު ޕޮއިންޓާއި ހަމައަށްވެސް އުއްމީދު ކަޑާނުލައި މަސައްކަތްކުރާ ކުޅުންތެރިއެއްކަމަށާއި، މެޗުގެ ވާދަވެރިކަން އެހާ ބޮޑަށް ފެނިގެންދިޔައީ އެހެންވެގެންކަމަށްވެސް އޭނާ ބުންޏެވެ. ޖޮކޮވިޗް ބުނީ އަމާޒަކީ ދުނިޔޭގެ އެއް ނަންބަރު ޓެނިސް ކުޅުންތެރިޔާގެ މަގާމް އަލުން މަރޭ އަތުން މި އަހަރު އަތުލުންކަމަށެވެ.